20 Jul 2015, 13:52
ރައީސުލްމްހޫރިއްޔާގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންފުޅަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނީ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 51 މެމްބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް 21 މެމްބަރަކު ވޯޓު ދެއްވި އެވެ.
އާންމު ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދަށް އިތުރު އިސްލާހެއް ވެސް ގެނެސްފަ އެވެ. އެއީ ނައިބު ރައީސަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާ މައްސަލަ އަވަސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެކެވެ.
އެގޮތަށް އެ އިސްލާހު އޮތުމުން ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅާ ނަންފުޅު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މެމްބަރުންނަށް ލިބިވަޑައިގަންނަވާ ދުވަހު ވެސް އެ ނަންފުޅަށް މަޖިލީހުގައި ވޯޓަށް އެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ވެސް ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރެއްވުމުގެ މައްސަލައެއް ހުށަހަޅާފަ އެވެ. ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުން ވިދާޅުވަމުން ދަނީ އެ މަގާމަށް ދެން ގެންނަ ބޭނުންފުޅު ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.
މިހާރު މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވީ ނަމަވެސް މިނިވަން ދުވަހުގެ ކުރިން ޖަލްސާއެއް ބާއްވައި ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އައްޔަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.