ފ. ބިލެތްދޫން ފުރައިގެން އެއަތޮޅު ނިލަންދޫއަށް ދަތުރުކުރަން އުޅުނު ލޯންޗެއް ބިލެތްދޫ ނެރުފައިކައްޓަށް އެރުމުގެ ސަބަބުން ބަޔަކު ޒަޚަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިރޭ 11:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރ،ު އޭގެއިން ދަތުރުކުރި ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ގެއްލުން ލިބުނު ލޯންޗަކީ ބިލެތްދޫ ލޯންޗެއް ކަމަށާއި އެއިން 22 މީހުން ދަތުރުކުރި އިރު ހަތަރު މީހަކު ފިޔަވައި އެހެން މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އެ ހާދިސާގައި ހަތަރު މީހަކު ޒަޚަމްވެފައި ވަނީ. އެ މީހުންނަށް ވަނީ ބިލެތްދޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައި. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ނިލަންދޫ ޕޮލިސްޓޭޝަންގެ ފުލުހުން ވަނީ ބިލްތްދޫއަށް ގޮސް ލޯންޗާއި މީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދީފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ލޯންޗުގައި ވާޖަހައިގެން އެއްގަމަށް އެރުވުމުގެ މަސައްކަތް އެރަށު ރައްޔިތުންގެ ބަޔަކު ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ލޯންޗަކީ ނިލަންދޫ ލޯންޗެކެވެ. އެއިން ދަތުރުކުރީ ބިލެތްދޫގައި އޮތް ފުޓުބޯޅަ މެޗެއްގައި ބައިވެރިވިވި ނިލަންދޫ ޒުވާނުންގެ ބަޔެކެވެ.