19 Jul 2015, 22:25
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން އެންގުމުގެ ގޮތުން ނައިބު ރައީސް ޖަމީލަށް މަޖިލީހުން ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވާފަ އެވެ.
އިތުބާރުނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކަމަށް ނައިބު ރައީސް ޖަމީލްގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރައްވައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެމަގާމަށް އައްޔަން ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ނައިބު ރައީސް ޖަމީލަށް އެމަނިކުފާނުގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުތައް ޕީޕީއެމް، އެމްޑީއޭ ޕަލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.