ރާއްޖޭގައި ކްރިމިނަލް ލޯންޑަރިން ހިނގާ ބޮޑެތި މުޖުރިމުން ކުށެއް ނުކުރާ ކަމަށް ކަނޑައަޅައި މަގުމައްޗަށް ދޫކުރުމުގެ ޖަރީމާއެއް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުން ހިންގާ ކަމުގެ ހެއްކާ ގަރީނާ ހުރި އިރު ވެސް ސިޔާސީ ނުފޫޒުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ސިއްރުކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ މެންބަރު އައިޝަތު ވެލެޒިނީ ވިދާޅުވެއްޖެ އެވެ.

ޖޭއެއްސީއަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން އައްޔަން ކުރައްވާފައިވާ ވެލެޒިނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ފޮނުއްވެވި ސިޓީއެއްގައި ބުނަނީ ރާއްޖޭގައި ލާއިންސާނީ އަމަލުތަކާއި މާރާމާރީތަކާއި ލޭއޮހުރުވުމާއި އިންސާނުން ކަތިލުން އާންމުވެފައިވާ ކަމަށެވެ.

އެކަންކަން ހުއްޓުވަން ނުކުޅެދިފައިވާ ވާހަކަ ދައްކާއިރު ރާއްޖޭގައި ހިނގާ މަނީ ލޯންޑަރިން ފަދަ އޯގަނައިޒްޑް ކުށްތައް ފަދައިން ކްރިމިނަލް ލޯންޑަރިން ހިންގާ މުޖުރިމުން މަގުމައްޗަށް ދޫކުރުމުގެ ބޮޑު ޖަރީމާއެއް ސިސްޓަމެޓިކް ގޮތެއްގައި ކްރިމިނަލް ކޯޓްގެ އިސްގާޒީގެ ބެލުމުގެ ދަށުން ހިންގާ ކަމުގެ ބުއްދިއަށް ގަބޫލު ކުރެވޭ ހެކި ހުރި ކަމަށް ވެސް ލިޔުއްވާފައި ވެއެވެ.

"... ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހައްމަދު ގެ ބެއްލެވުމުގެ ދަށުން ހިންގަވާ ކަމަށް ބުއްދި ގަބޫލު ކުރެވޭ ހެއްކާ ގަރީނާ ހުރިއިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއިން ކަމަކަށް ކުޑަވެސް ފަރުވާލެއް ނެތި މިކަންކަން ސިއްރު ކުރެވިފައި ވަނީ ސިޔާސީ ނުފޫޒުންނެވެ،"
ވެލެޒިނީ ތުހުމަތު ކުރައްވާ މި މައްސަލައާ ގުޅިގެ މަޖިލީހުގެ މެންބަރުންގެ ސަމާލު ކަމަށް ހަ ނުކުތާއެއް ފާހަގަ ކޮށް ވެލެޒިނީ އޭނާގެ ސިޓީގައި ލިޔުއްވާފައި ވެއެވެ.
~
ބުނަނީ އަބްދުﷲ މުހައްމަދަކީ އޭނާގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގެ އިންތިގާލީ މަރުހަލާގައި ކޮމިޝަނުން އިއްތިފާގުވެފައިވާ ބޭފުޅެއް ކަމަށާއި ނަމަވެސް ދާއިމީ ވުމަށް ފަހު ބަހަނާތައް ދައްކައި ތަހުގީގު ކުރުމަށް ކޮމިޝަން ފަސްޖެހިފައިވާ ކަމަށެވެ. އަދި ބުނަނީ އަބްދުﷲ މުހައްމަދުގެ މައްސަލަ ތަހުގީގު ކުރާ ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ސުވާލެއް އުފައްދާއިރަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ޑރ. އަފްރާޝީމް އަލީ، އަބްދުﷲ މުހައްމަދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައި އެއީ ނުބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވާ ކަމަށެވެ.

ވެލެޒިނީގެ ސިޓީގައި ބުނަނީ އަބްދުﷲ މުހައްމަދަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އިރު ވެސް ޖިނާއީ ކުށެއް ސާބިތުވެފައިވާ ބޭފުޅެއް ކަން އެނގިތިބެ އެއްވެސް ފަރުވާލެއް ނުބަހައްޓާ އަބްދުﷲ މުހައްމަދުގެ ވަޒީފާ ދާއިމީ ކުރެއްވުމަށް ހިތްވަރު ކުރެއްވެވި ކޮމިޝަންގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށާއި ޝާހިދާއި ޑރ. އަފްރާޝީމް ގެ އަމަލުތައް ހުރި ގޮތުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އެޅި ގައުމުގެ ހާލަތު ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ ކަމަށެވެ.

ވެލެޒިނީ، މީޑިއާއަށް ވެސް އާންމު ކުރެއްވެވި ސިޓީއާ ގުޅިގެން އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ "ސަފީހުން (މޮޔަ، ރުންކުރުވެ ގޮތެއް ފޮތެއް ނުބަލައި ހަޅޭއްލަވައިގަންނަ މީހުން) ނަށް ރައްދު ދިނުމަށް ބޭނުން ނުވާ" ކަ މަށެވެ.