19 Jul 2015, 21:26
އއ. އުކުޅަހުގައި އާންމުން އުޅޭ ތަންތަނުގައި ފަތުރުވެރިން ބިކިނީގައި އުޅުން އާންމުވެފައިވާތީ އެކަމާ ދެކޮޅަށް އެރަށު ރައްޔިތުންގެ ބަޔަކު އިހްތިޖާޖުކޮށްފި އެވެ.
އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ، އާންމުން އުޅޭ ތަންތަނުގައި ފަތުރުވެރިން ބިކިނީގައި އުޅުމަކީ އެ ރަށުގައި އާންމުވަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަށް ކައުންސިލުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު މެންދުރު 12:00 އެހާކަންހާއިރުން ފެށިގެން ހަވީރު ވަންދެން އެރަށު ބަނދަރު ސަރަހައްދުގައި ރައްޔިތުންގެ ބަޔަކު އިހްތިޖާޖުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ކުޑަކުދިން ހިމެނޭ ގޮތަށް އާންމު ރައްޔިތުން ގިނައިން ގޮސް އުޅޭ ސަރަހައްދުތަކުގައި ފަތުރުވެރިން ބިކިނީގައި އުޅޭތީ އިހްތިޖާޖު ކުރި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
"ތަކުރާރުކޮށް ކައުންސިލަށް އަޅުގަނޑުމެން މި މައްސަލަ ހުށަހަޅައިފިން. ނަމަވެސް ދުވަހެއް ދުވަހަކަށް މިކަން އާންމުވަމުންދާއިރު މިކަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައެއް ނުވޭ. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމުން މި މައްސަލަ ހުށަހަޅަން،" އުކުޅަހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެކަމާ ބެހޭ ގޮތުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް މިރޭ ސަން އަށް ވިދާޅުވީ، އާންމުން އުޅޭ ސަރަހައްދުތަކުގައި ފަތުރުވެރިން ބިކިނީގައި އުޅޭ މައްސަލަ އެރަށު ރައްޔިތުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ. ނަމަވެސް ރައްޔިތުން ބުނާ ގޮތަށް އެކަން އާންމުވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވީ، ކައުންސިލްގެ ފަރާތުން އަންނަނީ އެކަން ހުއްޓުވުމަށް ޓަކައި މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އެކަމާ ގުޅިގެން އެރަށުގައި ގެސްޓު ހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.