ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް ދެ ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރައްވައިފި އެވެ.

ޔުނިވާސިޓީގެ ކައުންސިލްގައި މަގާމުގެ ހައިސިއްޔަތުން ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ޑެޕިއުޓީ ވައިސް ޗާންސެލަރު (އެކަޑެމިކް އެފެއާޒް)ގެ މަގާމަށް ރައީސް ޔާމީން އައްޔަންކުރެއްވީ ހައްވާ ލަތީފްއެވެ. ޔުނިވާސިޓީއަކަށް ބަދަލުވުމާ ހަމައަށް އޭނާ ހުންނެވީ ކުއްލިއްޔާގެ ވައިސް ރެކްޓާ ފޯ އެކަޑެމިކް އެފެއާޒްގެ މަގާމުގައެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރު (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)ގެ މަގާމަށް ރައީސް ޔާމީން އައްޔަންކުރެއްވީ ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޑީންގެ މަގާމުގައި ހުންނެވި އަލީ ރަޝީދެވެ.

ޔުނިވާސިޓީގެ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކުގެ ތެރެއިން މިހާތަނަށް ބޭފުޅަކު އައްޔަން ކުރައްވާފައި ނުވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރު (ރިސާޗް އެންޑް އިނޮވޭޝަން) ގެ މަގާމަށެވެ.

މިމަހުގެ ކުރީކޮޅު ރައީސް ޔާމީން ވަނީ އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް ފަސް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ.

އެބޭފުޅުންންނަކީ ގާނޫނީ ދާއިރާ އިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލެވެ.

ވިޔަފާރި ނުވަތަ މާލީ ނުވަތަ އިގްތިސޯދީ ދާއިރާ އިން މ. މުސްތަފާ އާބާދު މުހައްމަދު މުސްތަފާ އިބްރާހީމެވެ.

މެޑިކަލް ދާއިރާ އިން ޑރ. މުހައްމަދު ހަނީފެވެ. ހަނީފަކީ ކާޑިއޮލޮޖިސްޓެކެވެ. އޭނާ މަސައްކަތް ކުރައްވަނީ ވިލިމާލޭ ސިއްހީ މަރުކަޒާއި ސެންޓްރަލް މެޑިކަލް ސެންޓަރުގެ އިތުރުން މެޑިކާ ހޮސްޕިޓަލްގައެވެ.

އިސްލާމިކް ޔުނިވާސިޓީއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ތައުލީމީ ދާއިރާއިން އައްޑޫ ސިޓީގެ މީދޫ، ފްލާވާ މީޑް ޝުހުދާ ރިޒްވާނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ. އަދި ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.