19 Jul 2015, 21:02
ނައިބް ރައީސް ކަމަށް ގެނައުމަށް މަސައްކަތްކުރާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި މެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެގެން ދާނީ "ސައިބޯނި ބޮތްކަށް" ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
އަދީބުގެ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ނިހާން އާއި ކުރި ސުވާލަކަށް ޖަވާބްދެއްވަމުން މުލީއާގޭ ބޭރުގައި ހުންނަވައިގެން މިއަދު ހަވީރު ނިހާން ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ރައީސް އަބްދުﷲ ޔާމީން އާއިމެދުވެސް އެފަދަ ތުހުމަތުތަކެއް ކުރެވުނު ކަމަށާއި ފަހަކަށް އައިސް ކުރެވިފައިވާ އެފަދަ ތުހުމަތުތައް ވެފައިވަނީ ސައިބޯނި ބޮތްކަށް ކަމަށެވެ.
"ވެދިޔަ ކުރުމާޒީގެ ތެރޭގައި މިހެން ކުރެވޭ ތުހުމަތުތައް ވެގެންދާގޮތް، ސައިބޯނި ބޮތްކަކަށް މިވަނީ. އޭގަ އެއްވެސް އުރައްޕެއް އާރެއް ބާރެއްވެސް ހުންނަނީކީއެއް ނޫން. ... އަހުމަދު އަދީބާއިމެދު ތި ކުރައްވާ ތުހުމަތުތައް ނިމިގެންދާއިރު ހަމަ އަނެއްކާ އަނެއް ސައިބޯނި ބޮތްކަށް ވެގެންދިޔައީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ދެވޭނީ އެހެން ޖަވާބެއް ހެން،" ނިހާން ވިދާޅުވިއެވެ.
ބައެއް މިނިވަން މުއައްސަސާތަކުން ނެރެފައިވާ ރިޕޯޓްތަކުން އަދީބުގެ ކޮރަޕްޝަން ފެންނަކަމަށް ނޫސްވެރިއަކު ސުވާލުކުރުމުން ނިހާން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުގައި ބާއްވާ ހާއްސަ ފަރިއްކޮޅުތަކުގައި ބޭނުން ކުރާނެ "ނެޕްކިން" އަކީ އެމަނިކުފާނުގެ ކާފަ ދަރިކަލުންގެ ނެޕީކަމަށް އޮޑިޓް ރިޕޯޓުތަކުގައި ބުނެފައިވާ ކަމަށާއި އެހެންކަމުން އަދީބާއި މެދު ކުރެވޭ ތުހުމަތުތަކަކީ ކުރު މުއްދަތެއްގައި އޭނާ ކުރިއެރިވަރުން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އޮނަރަބަލް އަދީބް ފަދަ ޒުވާން ބޭފުޅަކު މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ މަތީ މަގާމަކަށް ވަޑައިގަންނަވާތީވެ އެއްކަލަ ސިޔާސީ ގޮތުން ދައްކަވަން ޖެހޭ ވާހަކަތައް ދައްކަވާނެ. އޭގެ ތެރޭގައި މުއައްސަސާތައްވެސް ހިމެނޭނެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތައް އިހުނަށްވުރެ ބޮޑަށް ހިމެނޭނެ. އަދި ފަހަރުގަ އެއްކޮޅު ފަރާތްތައްވެސް ހިމެނޭނެ،" ނިހާން ވިދާޅުވިއެވެ.
އަދީބް "ކުއްލިއަކަށް" މުއްސަނދިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ނިހާން ވިދާޅުވީ، މީހަކަށް ކަމެއް ދެއްވައިފި ނަމަ އެކަން ވެދާ ކަމަށާއި އަދީބުގެ ކުރީގެ ދިރިއުޅުމެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑަށް މިފެންނަނީ އިއްޔެއެކޭ މިއަދެކޭ އެއްގޮތަކަށް. ބައެއް ފަހަރު ހިންގަވާފައިވެސް އުޅުއްވާ. ދައުލަތުގެ ކާރެއްގައި އުޅުއްވަނީ ވަޒީރު ކަމުގެ ގޮތުން ލިބިގެން. މިދޭތެރެއަކުން ގެންގުޅުއްވި ފޯނުވެސް ގާތްގަނޑަކަށް ދިޔަ ތިން ހަތަރު ހަފްތާ ވަންދެން ތަޅައިގެންގޮސް،" ނިހާން ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕާލަމެންޓުރީ ގުރޫޕުގެ މެމްބަރުން މިހާރު ވަނީ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކިކުރައްވައި އެމަގާމަށް އަދީބް ގެނައުމަށް މަސައްކަތް ފަށައި މަޖިލީހަށް ޖަމީލުގެ އިތުބާރުނެތް މައްސަލަ ހުށަހަޅައިފައެވެ.
ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަނީ ކޮން ދުވަހަކުންތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ، ކޮމަންވެލްތް މައްސަލައަށްފަހު ދެން އެންމެ އަވަހަށް އަންނާނީ އެމައްސަލަ ކަމަށެވެ.