19 Jul 2015, 17:53
ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭގޮތުން، ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ދައުލަރުގެ ބައެއް ވަޒީރުން މިއަދު ނިންމައިފި އެވެ.
މުލީއާގޭގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ މަޝްވަރާގައި ނިންމާފައި ވަނީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ މައްސަލަ މާދަމާ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށެވެ.

ބައްދަލުވުމަށްފަހު ބަންޑާރަ ނައިބު އަނިލްއާއި ނިހާން މުލީއާގެއިން ނުކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
އެ މަޝްވަރާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މިއަދު ބައްދަލުވުމުގައި މުޅިންވެސް މަޝްވަރާކުރީ ކޮމަންވެލްތް މައްސަލައަށް ކަމަށެވެ. ނަމަވެސް މިއަދު އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށާއި އެބޭފުޅުން ދެކޭގޮތް ހާމަވާނީ މާދަމާ މަޖިލީހުގެ ޖަލްސާގައި ކަމަށް ނިހާން ވިދާޅުވިއެވެ.
"ދިވެހި ރާއްޖެއާއި ކޮމަންވެލްތާއި އޮންނަ ގުޅުމުގެ މައްޗަށް އަޅުގަނޑުމެން މެމްބަރުން ދެކޭ ގޮތެއް އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނުގެ ޝެޝަންގައި ހިމެނިގެން ދާނެތީ އެބައްދަލުވުން ބޭއްވީ،" ނިހާން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަދީބާއި އެޓާނީ ޖެނެރަލް އަނިލް ބައިވެރިވެ ވަޑައިގެންނެވިއިރު އެބޭފުޅުން ލަފާދެއްވީ ކިހިނެއްތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ، މެންބަރުން ބޭނުންވާ ލަފާ އެބޭފުޅުން އެރުވި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެެވެ.
"އަޅުގަނޑުމެންނަށް އަދި ޑިސިޝަނެއް ނުނެގޭނެ ވަކިވާންވީއޭ، ނުވަތަ ވަކިވުމަކީ އެންމެ ރަނގަޅު ހައްލުކަމަކަށް. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އިއްޒަތްތެރި މެމްބަރުން މާދަމާ ހާމަކޮށްދޭނެ ކޮމަންވެލްތުގައި އޮތުން އެއީ ރަނގަޅު ކަމެއްތޯ،" ނިހާން ވިދާޅުވިއެވެ.
ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމާ މެދު ވަޒީރުންގެ މަޖިލީހުގައި ވަނީ މީގެ ތިން ދުވަސް މަޝްވަރާކޮށްފައެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވާން ވިސްނަމުންދާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ، ކޮމަންވެލްތުގައި ރާއްޖޭން ބައިވެރިވެގެން އޮންނަނީ އެއީ މާއްދީ ގޮތުން މާބޮޑެތި ފައިދާތަކެއްވާ ޖަމާއަތެއް ވީމާ ނޫން ކަމަށެވެ.