19 Jul 2015, 17:37
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ އަންހެން ހޭންޑްބޯލް ޓީމް ބަނގުލަދޭޝްގައި ކޭމްޕްކުރިއިރު ޓެނިސް ޓީމް ލަންކާގައި ކޭމްޕްކޮށްފިއެވެ.
ހޭންޑްބޯލް ޓީމް ބަންގާޅަށް ފުރާފައިވަނީ މިއަދު ހެނދުގެ ވަގުތެއްގައެވެ. ބަންގާޅުގެ ޓްރޭނިންގ ކޭމްޕަށްފަހު ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ.
އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ހޭންޑްބޯލް ޓީމް ވަނީ މިދިޔަ މަހު އިންޑިއާގައިވެސް ޓްރޭނިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.
އައިއޯޖީގައި ބައިވެރިވާ ރާއްޖޭގެ ހޭންޑްބޯލް ޓީމް ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރީޔުނިއަންއާއި ޝީސެލްސް އަދި މައުރީސްއާއެކު ގުރޫޕް ބީ ގައެވެ.
ޓެނިސް ޓީމް މިއަދު ލަންކާއަށް ފުރާފައިވާއިރު މާދަމާއިން ފެށިގެން މިމަހު 25 ވަނަ ދުވަހާ ހަމައަށް ލަންކާގެ އެކިއެކި ކުޅުންތެރިންނާ ދެކޮޅަށް މެޗްތައް ކުޅުމަށް ހަމަޖެހިފައިވާކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ.
ޓެނިސް ޓީމް މާލެއައުމަށް ހަމަޖެހިފައިވަނީ 25 ވަނަ ދުވަހުއެވެ.
ރީޔޫނިއަންގައި އަންނަ މަހު 1 ން 8 ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހުއެވެ.