ހައްޖު ކޯޕަރޭޝަން އިން އިސްލާމިކް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު ސަން އަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަން އިން ކުރިއަށްގެންދާ ހުރިހާ އިންވެސްޓްމަންޓްތަކަކީ ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓްތައް ކަމަށާއި އެހެން ކަމުން ރިސޯޓް ތަރައްގީ ކުރާނީ ވެސް އިސްލާމިކް ޓޫރިޒަމްއަށް ކަމަށެވެ.

"ހައްޖުގެ ހުރިހާ އިންވެސްޓްމަންޓުތައް ބިނާވެފައި ހުންނަނީ ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓްތަކުގައި، އެހެންވީމާ އަޅުގަނޑުމެން އިންވެސްޓްމަންޓްތައް ހުންނާނީ އެގޮތަށް." ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރިސޯޓެއް ހަދަން ރަށެއް ދެއްވާނެ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް މިހާތަނަށް އަދި ރަށެއް ހަމަޖެހިފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ ޕޮލިސީ ލެވަލްގައި ކުރަން ޖެހޭ މަސައްކަތްތައް ކަމަށާއި ރިސޯޓްތަރައްގީ ކުރުމަށް ފައިސާ ހޯދަނީ ތާޑް ޕާޓީއަކާ ހަވާލުކޮށްގެން ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް މިހާރަށް ބަލާ އިރު އެ ޕްރެޖެކްޓްގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންއަކީ ރާއްޖެ އިން ހައްޖަށާއި އުމުރާއަށް ދާ ފަރާތްތަކަށް އެކަށޭނަ ހިދުމަތެއް ދީ އެކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުއްޏެކެވެ.