އަހުލާގީ ގޮތުން ދަށްފެންވަރުގެ ވީޑިއޯއެއްގެ ތުހުމަތުގައި މުނިސިޕަލްޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އާދަމް ޝާކިރު ވަޒީފާ އިން ސަސްޕެންޓްކޮށްފައިވާ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޝާކިރު ސަސްޕެންޑް ކުރެއްވީ، އޭނާއާ ބެހޭ ގޮތުން ހުށަހެޅުނު އަހުލާގީ ގޮތުން ދަށްފެންވަރުގެ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އެ މައްސަލަ ނިމެންދެން ކަމަށެވެ.

ޝާކިރު ސަސްޕެންޑްކޮށްފައި ވަނީ ވަކި މުއްދަތެއް ނެތި ވަޒީފާ އަށް ނުނުކުމެ ހުންނަ ގޮތަށް ކަމަށް ސީއެސްސީ އިން ބުންޏެވެ.

"އެއީ އަހުލާގީ ގޮތުން ރަގަނޅު ނޫން ވީޑިއޯއަކާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުގީގު ކުރުމަށްޓަކައި އެނާ ވަޒީފާ އިން ސަސްޕެންޓްކުރީ. ފުލުހުން ވެސް މިތަހުގީގުގައި ޝާމިލްވާނެ. ތަހުގީގަށް ފަހުގައި އިނގޭނީ ސަސްޕެންޝަން ނިންމައި އޮފީހަށް ނެރޭނެތޯ ނުވަތަ ނޫންތޯ." ފަހުމީ ވިދާޅުވި އެވެ.

ދައުލަތުގެ ބައެއް އިސްވެރިންގެ ބަދުއަހުލާގީ ވީޑިއޯތަކެއްގެ މައްސަލައެއް އުޅޭކަމަށް ފުލުހުން ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފެށިފަހުން އެފަދަ ވެރިޔަކު ވަޒީފާ އިން ސަސްޕެންޑް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ފަހުމީ ވިދާޅުވީ ޝާކިރުގެ ބަދުއަހުލާގީ ވީޑިއޯގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅު ފަރާތުގެ ނަމާއި މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ޝާކިރުގެ ބަދުއަހުލާގީ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވެ، އޭނާ ވަޒީފާ އިން ގެއަށް ފޮނުވާލާފައިވާ އިރު، ސަރުކާރުގެ އިސް ވެރިންތަކެއްގެ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކް މެއިލް ކުރި މައްސަލައެއް ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަގާއި 13 މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގުތައް ކުރިއަށް ގެންދާ އިރު އެ މައްސަލާގައި ޝާމިލްވާ އުމުރުން 17 އަހަރުގެ ކުއްޖާ ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު ސަރުކާރުގެ ބައެއް އިސްވެރިންގެ ބްލެކް މެއިލް ކުރި ކަމަށް ބުނާ ވީޑިއޯތައް އިންޓަނެޓް ވެބްސްސައިޓްތަކުގައި އާންމު ވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.