އިސްލާމިކް ސްޓޭޓް (އައިއެސް) ނައްތާލަން އެމެރިކާއަށް އެހީތެރިވެދޭނެ ކަަމަށް އިނިގިރޭސިވިިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކެމަރަން ވިދާޅުވީ އިނގިރޭސިވިލާތުން އައިއެސް އާއި ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން އެކަމަށް ޕާލިމެންޓްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މީގެ ދެ އަހަރުކުރިން އިނގިރޭސިވިލާތުގެ ޕާލިމެންޓްގައި ނެގި ވޯޓްގައި ޕާލިމެންޓް މެމްބަރުން ވަނީ ސީރިއާ އާއި ދެކޮޅަށް އިނިގިރޭސިވިލާތުން އަސްކަރީ ހަމަލާ ދިނުމަށް ދެކޮޅު ހަދާފައެވެ.

" އަޅުގަނޑުމެން މިދަނީ އިދިކޮޅު ޕާޓީތަކާއި އެކުވެސް މަޝްވަރާކުރަމުން އިނގިރޭސިވިލާތަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން. އެކަމަކު އެއްގޮތަކަށް ވެސް ޝައްކުކަމެއް ނުބާވާތި އައިއެސް ނައްތާލަން އެމެރިކާ އާއި އެކު މަސައްކަތް ކުރަން އަހަރަމެން މިތިބީ ތައްޔާރަށް" ކެމަރަން ވިދާޅުވިއެވެ.

އިނިގިރޭސިވިލާތުގެ ޕާލިމެންޓްގެ ހުއްދަ ނެތި އައިއެސް އާއި ދެކޮޅަށް އެމެރިކާއިން ދިން ހަމަލާތަކުގައި އިނގިރޭސިވިލާތުގެ ސިފައިން ބައިވެރިވި މައްސަލަ ވަނީ ދާދި ފަހުން ފެންމަތިވެފައެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުން ފެށި ހަނގުރާމައިގައި އިނގިރޭސި ވިލާތުން ކުރިން އަދާކުރި ދައުރަކީ ޖާސޫސް ކުރުމެވެ. އެގޮތުން ޑްރޯން ބޭނުންކޮށްގެން އަމާޒްތައް ހޯދުމުގެ މަސައްކަތް އެގައުމުން އައީ ކުރަމުންނެވެ. ނަމަވެސް އެގައުމުން މިހާރު ވަނީ ސީދާ ގޮތެއްގައި ހަމަލާތަކުގައި ބައިވެރިވާން ފަށާފައެވެ.