19 Jul 2015, 15:06
ކޮލަންބޯ (ޖުލައި 19) : އަންނަ އޮގަސްޓް މަހުގެ 17 ގައި ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވާ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އޭނާގެ ކޭންޕޭން ފައްޓަވައިފި އެވެ.
އަނޫރާދަޕޫރާގައި ކޭންޕޭން ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ އޭނާގެ ވެރިކަމުގައި ކަރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހައްދު ފަހަނަޅާފައިވާ ކަަމަށްބުނެ އޭނާއާއި އޭނާގެ އާއިލާގެ މެންބަރުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަކީ އަސާސެއްނެތް ތުހުމަތުތަކެއް ކަމުގަ އެވެ. ނަމަވެސް ރާޖަޕަކްސަގެ ވާހަކާގައި ވެރިކަމުގައި ހުންނަވައިގެން އޭނާ ބައެއް ގޯސްތަކެއް ހެއްދެވި ކަމަށް އެއްބަސްވެ ވަޑައިގެންނެވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ވަޑައިގެންފައެއްނުވެ އެވެ. ރާޖަޕަކްސަ މާޒީގައި ހެދުނު ގޯސްތަކުން އިބުރަތް ލިބިގަތުމަށް ހުންނެވީ ތައްޔާރަށް ކަމަށް ރާޖަޕަކްސަ ވިދާޅުވި އެވެ.
ރޭގެ ކޭންޕޭން ޖަލްސާގައި ދެއްކެވި ވާހަކާގައި ރާޖަޕަކްސަ އެންމެ ބޮޑު އިސްކަމެއް ދެއްވީ މުސްލިމުންނާއި ތަމަޅައިންގެ އިތުބާރު އަލުން ހޯއްދެވުމަށެވެ. ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސަ އަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ސްރީލަންކާގެ ބައިމަދު މުސްލިމުންނާއި ތަމަޅައިންގެ ތާއީދު ނުލިބުމުގެ ސަބަބުން ކަމަށްވަނީ ބެލެވިފަ އެވެ. ސްރީލަންކާގެ ސިންގަޅައިންގެ ތާއީދު އަދި ވެސް ރާޖަޕަކްސައަށް ވަރަށް ބޮޑުކަމަށްވެ އެވެ. ނަމަވެސް ސިންގަޅައިންގެ ތެރެއިން ވެސް މުއްސަނދިންގެ ތާއީދު ކުޑަކަމަށްވެ އެވެ. ރާޖަޕަކްސައަށް ތާއީދު އެންމެ ބޮޑީ ސިންގަޅައިންގެ ފަގީރުންނާއި މެދުފަންތީގެ މީހުންގެ މެދުގަ އެވެ. ސިންގަޅައިންގެ ފަގީރުންނާއި މެދުފަންތީގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމަށް ޓަކައި ރާޖަޕަކްސަގެ ވެރިކަމުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.
ރާޖަޕަކްސަ ވިދާޅުވީ ތަމަޅައިންނާއި ސިންގަޅައިންގެ މެދުގައިވާ ނުތަނަވަސްކަން ނައްތާލަންޖެހޭ ކަމަށާ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ޙާލަތެއްގައި އެކަމަށް މަސައްކަތްކުރައްވާނެ ކަމުގަ އެވެ. ޖާޕަކްސަ މަޝްހޫރުވެފައި ވަނީ ސްރީލަންކާގެ ދިގުލީ ދާޚިލީ ހަނގުރާމަ ހުއްޓުވައި ގައުމަށް ހަމަޖެހުމާއި ސުލްޙަ ގެނަސްދެއްވި ލީޑަރުގެ ގޮތުގަ އެވެ. އަދި ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ އުމްރާނީ ތަރައްގީ ވެސް ވަރަށް ބޮޑަށް ކުރިޔަށްގޮސްފައިވެ އެވެ.
ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ރާޖަޕަކްސާ ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށްފަހު ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް ޕާޓީ ގެ ކެންޑިޑޭޓެއްގެ ގޮތުގައި އާއްމު އިންތިިޚާބުގައި ވާދަކުރެއްވުމަށް ދާދިފަހުންވަނީ ނިންމަވާ އެވެ. މިކަމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ތާއީދުވެސް ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް ރާޖަޕަކްސަ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ސިރިސޭނާގެ ތާއީދެއްނެތެވެ. އަދި ރާޖަޕަކްސާ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހޭނެ ކަމަށް ސިރިސޭނާ ދެކެވަޑައިގަންނަވަ އެވެ.
ސިރިސޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާޖަޕަކްސަގެ ބަލިފަޔަކީ މުސްލިމުންނާއި ތަމަޅައިންގެ ހައްގުތަކަށް އޭނާ އިހްމާލްވެވަޑައިގަތުމާއި ކަރަޕްޝަންގެ ކަންތައް ތާޖަޕަކްސަގެ ވެރިކަމުގައި ހައްދު ފަހަނަޅާ ދިޔުމެވެ. މިކަންކަން ރަނގަނޅު ކުރުމަށް ރާޖަޕަކްސައަށް ދެންނެވި ނަމަވެސް އެކަމަށް ރާޖަޕަކްސަ ދެއްވީ ބީރު ކަންފަތެއްކަމަށް ސިރިސޭނާ ވިދާޅުވިއެވެ. (ސްރީލަންކާގެ މީޑިޔާ)