19 Jul 2015, 15:07
ޕްލާސްޓިކުން ހަދާފައި ހުއްނަ އިންޑިއާގެ ގައުމީ ދިދަ އެގައުމުގައި ބޭނުން ކުރުން މަނާ ކުރުމާ މެދު އިންޑިއާގެ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.
ޕްލާސްޓިކުން ހަދާފައި ހުއްނަ ދިދަ ބޭނުން ކުރުން މަނާ ކުރުމަށް އިންޑިއާ ސަރުކާރުން ނިންމީ އެގައުމުގައި ފާހަގަ ކުރެވޭ ގައުމީ މުނާއްސަބުތަކުގެ ތެރޭން މިނިވަން ދުވަސް އަދި ގައުމީ ދުވަސް ފަދަ ދުވަސްތަކުގައި ދިދަ ބޭނުން ކުރުމަށް ފަހު މަގުތަަކަށް އުކާލުމުން މީހުންގެ ފައިން އެރި ހަލާކުވާން ގިނަ ދުވަސް ވާތީ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެ އެވެ.
އަދި އެއީ ދިދައަށް އިހުތިރާމް ކުޑަކުރުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
"ވަރަށް އަވަހަށް އަމުރެއް ނެރޭނަން ޕްލާސްޓިކުން ހަދާފައި ހުއްނަ އިންޑިއާގެ ގައުމީ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް،" އިންޑިއާ ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު ޓައިމްސްއޮފް އިންޑިއާގައި ބުނެފައިވެ އެވެ.
އިންޑިއާގެ ސަރުކާރުން އެކަމާ މެދު މަޝްވަރާ ކުރެވެމުން ދާއިރު އިންޑިއާގެ ސިޓީއެއް ކަމަށްވާ ބޮމްބޭގެ ހައިކޯޓުން ސަރުކާރަށް އަންގާފައި ވަނީ ޕްލާސްޓިކުން ހަދާފައިވާ ގައުމީ ދިދަ ގަނެ ވިއްކުން މަނާ ކުރުމަށް ރަގަޅު ޕޮލިސީއެއް ހެދުމަށެވެ.
"ސަރުކާރުން އެބަ ޖެހޭ ރަގަޅު ޕޮލިސީއެއް ހަދަން، އަދި އާންމު ރައްޔިތުން ގައުމީ ދިދައަށް އަހުލުވެރި ކުރުވަން، މިސާލަކަށް ގައުމީ ލަވަ ސުކޫލު ކުދިންގެ ފޮތްތަކުގައި ލިޔެފައި ހުއްނަހެން ފޮތްކުގައި ދިދައިގެ މުހިންމު ކަމުގެ ވާހަކަ ހިނައިގެން މެސެޖެއް ލިޔެވިދާނެ،" ބޮމްބޭ ހައިކޯޓުން ބުނެފައިވެ އެވެ.