19 Jul 2015, 15:08
ރިޔާޒް (ޖުލައި 19) : ސައޫދީ ސަލާމަތީ ބާރުތަކުން އިއްޔެ ހައްޔަރުކުރި އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހުންގެ ތެރޭގައި އެގައުމުގެ މިސްކިތްތަކާއި އަމަނާ ބެހޭ އިދާރާތަކާ އަދި ޑިޕްލޮމެޓިކް މިޝަންތަކުގައި ބޮންގޮއްވުމަށް ރާވާފައިވާ ނުރައްކާތެރި މީހުން ހިމެނޭ ކަމަށް ސައޫދީ އަމަނާ ބެހޭ މަސްއޫލުވެރިން ވިދާޅުވެއްޖެ އެވެ.
ސައޫދީ އަމަނާބެހޭ މަސްއޫލުވެރިންނާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން މިހާތަނަށް ހައްޔަރުކޮށްފައިވާ އައިއެސްގެ 431 މީހުންގެ ތެރޭގައި ގިނައީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ސައޫދީ ޒުވާނުންނަމަވެސް މީގެތެރޭގައި ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ބޭރުގެ ބައެއްމީހުން ވެސް ހިމެނޭކަމުގަ އެވެ. ސައޫދީ ސަލާމަތީ ބާރުތަކުން ހައްޔަރުކުރި 431 މީހުން ހައްޔަރުކޮށްފައި ވަނީ އެކިފަހަރުމަތިން ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން ބުނެ އެވެ.
އައިއެސް ޖަމާއަތް ފަދަ އިރާގުގައި ހަރުކަށި އަމަލުތައް ހިންގާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގައި ގިނައަދަދަކަށް ސައޫދީ ޒުވާނުންބައިވެރިިވެ އަމިއްލައަށް މަރުވެގެން ބޮންގޮއްވުމާއި ކުށެއްނެތް މީހުން މަރުންފަދަ ހަރުކަށި އަމަލުތައް ހިންގަމުން ގެންދެ އެވެ. އަދި މިފަދަ ޖަމާއަތްތަކުގައި ބައިވެރިވުމަށް ސައޫދީ ބައެއް އާއިލާތަކުން ކުރިން އެއާއިލާތަކުގެ ފިރިހެންކުދިންނަށް ހިއްވަރު ދެމުންވެސް ގެންގޮސްފައިވެ އެވެ. ނަމަވެސް މިފަދަ ޖަމާއަތްތަކުގެ ނުރައްކާ އިރާގުގެ އިތުރުން ޚުދު ސައޫދީ އަށް ވެސް ކުރަންފެށުމުން މިފަދަ ޒުވާނުން ސައޫދީގައިވެސް މިހާރު ސިފަކުރަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އަދި އިރާގުގައި ހަރުކަށި އަމަލުތައް ހިންގުމަށް ކުރިން ހިއްވަރުދިން ސައޫދީ އާއިލާތައްވެސް މިހާރު މިފަދަ ހަރުކަށި އަމަލުތަކާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. އައިއެސް ޖަމާއަތުން މިދިޔަމަހު ސައޫދީ ޝިޔަޢީންގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިގެން އެތަށްބަޔަކު މަރާލާފައިވެ އެވެ.
އައިއެސް އަކީ އަލްގާއިދާ ޖަމާއަތުން ވަކިވެގަނެގެންއުޅޭ އެޖަމާއަތުގެ ގޮތްޕެކެވެ. މިގޮތުން އެމެރިކާ ސިފައިން އުސާމާ ބިންލާދިން މަރާލުމަށް ފަހު އަލްގާއިދާގެ ލީޑަރުކަމާ ޑރ. އައިމަން އައްޒަވާހިރީ ހަވާލުވުމުން އެކަމާދެކޮޅުހެދުމަށް ފަހު އަލްގާއިދާއިން ވަކިވެގަތް ހަނގުރާމަވެރިން ގުޅުނީ އައިއެސް ޖަމާއަތާ އެވެ. އައިއެސްގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތަކީ އައިމަނުއްޒަވާހިރީއަކީ އަލްގާއިދާގެ ލީޑަރުކަމަށް ގަބޫލުކުރާ ހަނގުރާމަވެރިން ހިމެނޭ އަލްގާއިދާއަށް ނިސްބަތްވާ އެޖަމާއަތުގެ ގޮތްޕެކެވެ.
އައިއެސް ޖަމާއަތަކީ މުސްލިމުންނާ އަދި އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ޖަމާއަތެކެވެ. އަދި އައިއެސްގެ ނުރައްކާ އެންމެބޮޑަށް ކުރިމަތި ވަނީ ޝިޔައީންނަށް ކަމަށްވިޔަސް އެޖަމާއަތުގެ ފިކުރާ އިދިކޮޅު ސުންނީންނަކީ ވެސް ނައްތާލަންޖެހޭ ކާފަރުންކަމަށް އައިއެސްއިން ދެކެ އެވެ. އަދި ޝިޔައީންނެކޭ އެއްގޮތަށް އައިއެސްގެ ފިކުރާ އިދިކޮޅު ސުންނީންވެސް އެޖަމާއަތުގެ ޝިކާރައަކަށް ވަމުންދެ އެވެ.
އައިއެސްއިން ހަނގުރާމަކޮށް ނައްތާލުމަށް މަސައްކަތްކުރާ އެގައުމުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ ޖަބްހަތުއްނުސްރާ ޖަމާއަތަކީވެސް ސުންނީންގެ ޖަމާއަތެކެވެ. އައިއެސްގެ ޙަމަލާތައް އަމާޒުކުރާ ތަންތަނުގެތެރޭގައި މިސްކިތްތަކާއި ބާޒާރުތަކާއި ސަލާމަތީ މަރުކަޒުތައް ހިމެނެ އެވެ. މީގެއިތުރުން ކުރީގެ އާޘާރީތަންތަން ހަލާކުކުރުމާއި ނަބިއްޔުންނާއި ރަސޫލުންގެ މަގްބަަރާތައް ގޮއްވުމަކީ ވެސް އައިއެސްއިން ހިންގާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.
އިރާގުގައިވާ ބައެއް ނަބިއްޔުންނާއި ރަސޫލުންގެ މަގްބަރާތައް، އައިއެސްއިން ގޮއްވައި އެތަންތަން ހަލާކުކޮށްލާފައިވެ އެވެ. (ނޫސްއެޖެންސީތައް)