08 Mar 2011, 13:48
އައްޑޫ ސިޓީން ހައްވާ ލުބްނާ
ސ. ހިތަދޫ ގެއެއްގައި އިއްޔެ ގަސްދުގައި ރޯކޮށްލައިފައި ވަނީ އެގޭގެ ވެރިމީހެއް ކަމަށާއި އެގޮތަށް ކަންތައްކުރީ އެގޭ ކޮޓަރިތެރޭ އޭނާގެ ތިމާގެ ކުދިންތަކެއް މަސްތުވާތަކެތި ބޭނުންކުރަން ތިބުމުން ރުޅިއައިސްގެން ކަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ، ހިތަދޫ މަންޒިލްގޭގައި އުޅޭ ޒުވާން ކުދިންތަކެއް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އެ ކުދިންގެ ބޮޑުބޭބެ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންނުކުރުމަށް އެދި ކިތަންމެ ފަހަރަކު އެކުދިންނަށް ނަސޭހަތްދީފައިވާ ނަމަވެސް، ގޭ މީހުންނަށް ފިލައިގެން ތިބެ ކޮޓަރި ތެރޭ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމުގައި އޭނާ ބުންޏެވެ.
އޭނާ ބުނީ، އިއްޔެ އެކުދިން ކޮޓަރި ތެރޭ ޑަންލޮޕް ބޯން ތިއްބައި އެ ފިރިހެންމީހާ އަށް ފެނުނީ ކަމަށާއި އަދި އެކަމާ ހިތްހަމަނުޖެހިގެން އިއްޔެ 11:00 ޖަހާ އެހާކަންހާއިރު އެކުދިން ކޮޓަރިތެރޭ ތިއްބައި އެތަނުގައި ރޯކޮށްލީ ކަމަށެވެ. ނަމަވެސް އެކުދިން ވަނީ ހުޅުރޯކޮށްލުމާއެކު އެކޮޓަރިން ނުކުމެ، ފިލައިފަ އެވެ.
އަދި އެ ހާދިސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފް އިން ބުނީ، ރޯކޮށްލައިފައި ވަނީ އެގޭގެ ތެރެއަށް ފަންތަކެއް އަޅައި އެ ފަންތަކުގައި ރޯކޮށްލައިގެން ކަމަށެވެ. އަދި ބުނީ އަލިފާނުގެ އެ ހާދިސާގައި ތިން ކޮޓަރި ހުންނަ، އެ ގޭގެ އެ ކޮޓަރީގެ ފާރާއި ފުރާޅު ވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުން ނެވެ. އަދި ގަސްދުގައި ހުޅުޖަަހައި ގެއްލުން ދިން ކަމަށް ޝައްކު ކުރެވޭ މިހާ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސް، ސުވާލުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
އެ ގޭގައި ރޯކޮށްލި އަލިފާންގަނޑު ނިއްވާލީ ސިފައިން ކުރިމަސައްކަތުން އިއްޔެ މެންދުރު 12:00 ޖަހާއެހާކަންހާއިރު އެވެ.