19 Jul 2015, 12:33
ޓިކެޓު ނުނަގައި މާލެއިން ހުޅުމާލެއަށް ދާން އުޅުނު މީހަކު އެމްޓީސީސީ މާލޭ ޓާމިނަލް ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ސަންއަށް ވިދާޅުވީ، ރޭ 2:00 ގެ ފެރީއަށް ޓިކެޓު ނުދީ އަރަން އުޅުނު ޒުވާން ފިރިހެނަކު އެމްޓީސީސީގެ ޓާމިނަލް ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ.
"ޓިކެޓާ ހަވާލުވާން ހުންނަ މުވައްޒަފު ޓިކެޓު ކޮބާހޭ ބުނުމުން ހުތުރު ބަހުން ވާހަކަ ދެއްކުމަށް ފަހު ވަދެގެން ދާން އުޅުނީ. ދެން ޓިކެޓު ނުދީ ދާން އުޅުމުން ގޭޓްލައްޕާނެތާ، ލެއްޕިތަނާ އޭނަ އަތުން ޖެހިޖެހީނުން ބިއްލޫރިގަނޑު ތަޅާލީ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެ ކަސްޓަމަރުގެ އަތައް ޒަހަމްތަކެއް ލިބިފައިވާ އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ. އެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފިލަން އުޅެނިކޮށް އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.