19 Jul 2015, 11:10
ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ ހ. ހިލްޓަން އަޒްލީފް ރައޫފް، ހަނގުރާމަ ކުރުމަށް ކަމަށް ބުނެ، ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ މައްސަލަ ތަހުގީގް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެފައި ވަނީ އަޒްލީފް ފުރައިގެން ދިޔަ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގަވާފައި ވާނޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގް ކުރަން ފަށާފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
"މިހާތަނަށް ހާމަކުރެވެން އޮތީ އެ މައްސަލަ ތަހުގީގް ކުރަމުންދާކަން." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަޒްލީފް ހަނގުރާމައަށް ކަމަށް ބުނެ ސޫރިއާ އަށް ގޮސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކުރީކޮޅު އެވެ. އޭނާއާ އެކު ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއް ވެސް ފުރިކަމަށްވެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އަޒްލިފާއި އިތުރުބައެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.