19 Jul 2015, 10:56
ޖިންސީ މައްސަލަތަކާއި ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ރިޕޯޓުކުރި މިންވަރު މިދިޔަ އަހަރުގެ ރޯދަމަހާ އަޅާބަލާ އިރު މި އަހަރު ބޮޑުތަން އިތުރުވެއްޖެ އެވެ.
ފުލުހުންގެ މި އަހަރުގެ ރޯދަމަހުގެ ތަފާސް ހިސާބުދައްކާ ގޮތުން ރޯދަމަހުގެ ދުވާލު ވަގުތު ކައިގެން 46 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ ރޯދަމަހު ދުވާލު ކައިގެން ރިޕޯޓުކޮށްފައި ވަނީ 19 މައްސަލަ އެވެ.
މިދިޔަ އަހަރުގެ ރޯދަމަހާ އަޅާބަލާ އިރު އިތުރުވި މައްސަލަތަކުގެ ތެރޭ ޖިންސީ މައްސަލަތަކުގެ ގޮތުގައި 36 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ ރޯދަމަހު ޖިންސީ މައްސަލަތަކުގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 23 މައްސަލަ އެވެ.
ޖިންސީ މައްސަލަތަކާއި ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތައް މިއަހަރު އިތުރުވި ނަމަވެސް މިދިޔަ އަހަރާއި ބަލާ އިރު އެހެނިހެން މައްސަލަތައް ރިޕޯޓުކުރި މިންވަރު މިއަހަރު ވަނީ ދަށްވެފަ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކް މައްސަލަތަކުގެ އިތުރުން މާރާމާރީގެ މައްސަލަތައް ރިޕޯޓު ކުރި މިންވަރު މިއަހަރުގެ ރޯދަމަހު ވަނީ ދަށްވެފަ އެވެ.
އެގޮތުން މިއަހަރު ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި 268 މައްސަލައެއް ރިޕޯޓުކުރި އިރު މިދިޔަ އަހަރު ރިޕޯޓުކޮށްފައި ވަނީ 360 މައްސަލަ އެވެ. އަދި މަސްތުވާތަކެތީގެ 208 މައްސަލައެއް މިދިޔަ އަހަރުގެ ރޯދަ މަހު ރިޕޯޓުކޮށްފައިވާ އިރު، މި އަހަރު ރިޕޯޓުކޮށްފައި ވަނީ 148 މައްސަލައެކެވެ. މިއަހަރު މާރާމާރީގެ 75 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރު ރިޕޯޓުކޮށްފައި ވަނީ މާރާމާރީގެ 96 މައްސަލަ އެކެވެ.