އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ގުޅުން އޮތް ކަމުގެ ތުހުމަތަށް ސަޢުދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ސައުދީ ގެޒެޓް ނޫހުން ބުނީ މިސްކިތްތަކާއި ސަލާމަތީ ބާރުތަކުގެ ޗެކްޕޮއިންޓްތަކާއި ޑިޕްލޮމެޓިކް މިޝަންތަކަށް ދޭން ރާވާފައިވާ ހަމަލާތަކެއް ސަލާމަތީ ބާރުތަކުން ނާކާމިޔާބުކޮށްލައި 431 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ އެގައުމުގެ ރައްޔިތުން ކަމަށާއި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީގެ ބަޔާނަކާއި ހަވާލާދީ ނޫހުން ބުނީ އައިއެސްއާ ގުޅުން ހުރި މީހުން ހަރަކާތްތެރި ވެފައި ވަނީ ގްރޫޕްތަކަކަށް ކަމަށާއި އެކި ގްރޫޕާ ހަވާލުވެފައި ވަނީ އެކި މަސައްކަތް ކަމަށެވެ. އެގޮތުން އެއް ގްރޫޕަކުން ކުރަމުން ދިޔައީ ގައިގައި ހަރުކުރާނެ ބޮން އުފެއްދުމުގެ މަސައްކަތް ކަމަށާއި އަނެއް ގްރޫޕަކުން ކުރަމުން ދިޔައީ އެފަދަ ބޮންތައް ގައިގައި ހަރުކޮށްގެން ގޮއްވައިލާނެ މީހުން ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް ވެސް ބުންޏެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ، ޝިޔައީން އަޅުކަން ކުރާ ދެތަނަށް ހަމަލާދިނުމުގެ ފަހަތުގައި ތިބި މީހުން ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.