މާފަންނު ވެސްޓްޕާކް ސަރަހައްދުގައި ހުރި ސައިކަލް ޝޯރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުޙައްމަދު "ސަން" އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް މިރޭ ހިނގާފައި ވަނީ، މ. ކިއުޕިޑް ގޭގައި ހުރި ޝޯރޫމެއްގައި ކަމަށެވެ. އަދި މިހާރު އެ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަލިފާން އެހާބޮޑަށް ރޯވެފައި ހުރިކަމަކަށް ނުބެލެވޭ. އަޅުގަނޑުމެންގެ ޓީމުން އެތަނަށް ދިޔައިރުވެސް އެހާބޮޑަށް އަލިފާނުގެ އަސަރެއް ނެތް. މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައި،" އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަދުނާން ވިދާޅުވިއެވެ.

މ. ކިއުޕިޑްގައި ހުރި އަލިފާނުގެ ހާދިސާ ހިނގި ޝޯރޫމްގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ -- އެތަނުގައި ހުރި ސައިކަލްތަކަށް ވަނީ ދުމުގެ އަސަރުކޮށްފައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 1:09 ކަންހާއިރު، މ. ވެސްޓް ޕާކް ސަރަހައްދުގައި ހުރި ޝޯރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ އެހާ ބޮޑު އަލިފާނުގެ ހާދިސާއެއް ނޫންކަމަށެވެ.

މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި، މ. ކިއުޕިޑްގޭ ފުރަތަމަ ފަންގިފިލާގައި ހުރި ސައިކަލް ޝޯރޫމްގައި އަލިފާނުގެ ހާދިސާ ހިނގީ، އެތަނުގެ އެތެރޭގައި ހުރި ބެޓްރީ ސައިކަލެއްގައި ރޯވެގެންނެވެ.

"ސައިކަލްގައި ރޯވީ، އޭގެ ބެޓްރީ ޗާޖަށް ޖަހާފައި ހުއްޓައި،" އެމީހާ ސަންއަށް ކިޔައިދިނެވެ.

ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.