18 Jul 2015, 23:43
ބައިބަލާ އެސޯޝިއޭޝަނުން ބާއްވާ "ބައިބަލާ 2015" މުބާރާތް ރައީސްލްޖުމުހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލް ޤައްޔޫމް މިރޭ ފައްޓަވައިދެއްވައިފިއެވެ.
އަލިމަސް ކާނިވަލާއި އާޓިފިޝަލް ބީޗާއި ދެމެދު އަޅާފައިވާ ބައިބަލާ ކޯޓްގައި ބޭއްވި ރަސްމިއްޔަތުގައި ރައީސް ވަނީ މުބާރަތް ހުޅުއްވައި ދެއްވުމަށްފަހު މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނާ ސަލާމް ކުރައްވަފައެވެ.
ރައީސްލްޖުމްހޫރިއްޔާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެހެނިހެން ވަޒީރުން ބައިވެރިވެވަޑައިގަންނަވިއެވެ.
މިފަހަރުގެ މުބާރާތުގައި 53 ޓީމް ބައިވެރިވެފައިވާއިރު މިއީ ބައިބަލާގެ ތާރީހްގައި އެންމެ ގިނަ ޢަދަދަކަށް ޓީމްތައް ބައިވެރިވި ފަހަރެވެ.
މުބާރާތުގައި ބައިވެރިވި 53 ޓީމް އަށް ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި ކޮންމެ ރެއަކު އަށް މެޗް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިރޭ ކުޅުނު ބައިބަލާ މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ޢަލީ ނަސީރު
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމަށް އެއް ލައްކަ ރުފިޔާ ދިނުމަށް ބައިބަލާ އެސޯސިއޭޝުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި 45 ޓީމް ބައިވެރިވެފައިވާއިރު ޗެމްޕިއަންކަން ހޯދާފައިވަނީ ބީޖީ ސްޕޯޓްސްއެވެ.