މި ސަރުކާރުން ރައްޔިތުންނަށްޓަކައިކޮށްދޭ ކަންތައްތައް ފެނިވަޑައިގަންނަވާނީ ތަސްވީރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ މުލީއާގޭގައި ދެ މަޖައްލާއެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވުމަށް އެމަނިކުފާނު ގަދައަޅައި މަސައްކަތްކުރައްވާ ކަަމަށެވެ.

" މި ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ ވާހަކަ ފެނިވަޑައިގަންނަވާނީ ތަސްވީރުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާގޮތަށް ހުރިހާއެއްޗެއްގައި ނުލިޔުއްވިދާނެ ކަންނޭނގެ، އެކަމަކު ބްރިޖް އަޅާ ނިމުނީމަ ނޫނީ ބްރިޖްގެ ތަސައްވަރު ފެނުނީމަ އެއޮތީ ބްރިޖްއެޅިފަކަން ގަބޫލުކުރެވޭނެ. އެހެންވީމަ، އަޅުގަނޑުމެންގެ ސްޓޯރީ އަޅުގަނޑުމެން ދެން ކިޔާދޭނީ ތަސްވީރުން،" ރައީސް ވިދާޅުވި އެވެ.

އަދި އާސަންދައިގެ ވާހަކަަތައް ރައްޔިތުން ސުވާލު އުފައްދާ ގޮތަށް އަދި ނޭއްގާނީ ގޮތަށް ދެއްކި ނަމަވެސް ނިކަމެތިންނަށް، ނުފޯރާ މީހުންނަށް، ކިޑްނީ ބަދަލުުކުުރުން ކަހަލަކަންތައްތައް އާސަންދައިގެ ތެރެއިން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

" އާސަންދައިގެ ހިދުމަތް ލިބޭ ފަރާތްތަކުން މި ނިއުމަތަށް ޝުކުރު އަދާކުރާނެ،" ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ސަރުކާރަކުން ކުރިނަމަވެސް ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރެވޭ ކަމަށްވަންޏާ އެކަމަށް ޝުކުރުކުރުމަކީ ދީނުގައިވެސް އެކަން އޮންނަ ގޮތް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ރަސްމިއްޔާތުގައި ނޫސްވެރިކަމާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ނޫސްވެރިން ރައްޔިތުންނާއި ހިސާބަށް މައުލޫމާތުގެނެސް ދޭން ޖެހޭނީ އިންސާފުވެރިކަމާއި އެކީ ތެދު ބަހުން ކަަމަށް ރައީސް ވިދާޅުވިއެވެ.

މީޑިއާ ހަތަރުވަނަ ބާރަށްވަނީ ރައްޔިތުންނާއި ހަމައަށް އިންސާފުވެރިކަމާއި އެކު ޚަބަރުފަތުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

" އެއްވެސް ބާރަކީ ދައުލަތުގެ އެއްވެސް ބާރަކީ ހަގީގަތުގައި ހައްދުން ބޭރުން ނޫނިއްޔާ ގާނޫނުތަކުގެ ބޭރުން ނޫނިއްޔާ އެބަޔަކު އަމާނަތްތެރިކަމާއި އެކު އަދާކުރަން އޮތް ޒިންމާގެ ބޭރުން ކަންތައްތައް ކުރާ ކަމަންވަންޏާ، އެއީ ޒިންމާ ނުއުފުލޭ ކަމަށް ރައްޔިތުން ޖަޖު ކުރާނެ" ރައީސް ވިދާޅުވިއެވެ.

އަދި މިރޭ ނުކުތް ދެ މައްޖާލާ އިން ވެސް އިންސާފުވެރިކަމާއި އެކީ ހަމަހަމަ ކަމާއި އެކީ ހަބަރު ގެނެސްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ކަމެއް ނުކޮށްދެވޭނަމަ އެކަން ހާމަކޮށްދިނުމަށާއި އަދި ކުރެވޭކަންކަންވެސް ގެނެސްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މިރޭ ރައީސް ނެރެދެއްވި ދެ މަޖައްލާ އަކީ "3 ހަމަ" މަޖައްލާ އާއި "ރުމާލު 2" މަޖައްލާ އެވެ.