18 Jul 2015, 22:10
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 5.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ 1562 މައްސަލައެއް ފުލުހުންނަށް ހުށަހެޅި 975 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައި ވެއެވެ.
މަސްތުވާ ތަކެއްޗާ ގުޅުންހުރި 1282 މައްސަލައެއްގެ ތަޙްޤީޤް ނިންމައި 1167 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
"މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން ތަކުގައި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވެއެވެ. އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ރާއްޖެއަށް އަންނަ ބިދޭސީން އަދި ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ބަނގުރަލުގެ މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރެވިފައިވެއެވެ." ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ބުންޏެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަން ތަކުގައި 975 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާ ފިރިހެނުން އަދި ބިދޭސީންވެސް ހިމެނެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާ ތަކެއްޗާ ގުޅުންހުރި 56 އޮޕަރޭޝަނެއް މާލެއާއި ރާއްޖޭގެ އެކި ރައްތަކުގައި ވަނީ ހިންގާފައެވެ. އޭގެތެރެއިން 45 އޮޕަރޭޝަނެއްގައި ފާރަ ބޭނުން ކޮށް މަސްތުވާ ތަކެތި އަތުލުމުގައި ފާރައިގެ އެހީތެރިކަން ހޯދިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނީ މަސްތުވާ ތަކެތީގެ ނުރައްކަލުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކާ މަސްތުވާ ތަކެތީ ބޭނުން ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ފާއިތުވި 6 މަސްދުވަހުގެތެރޭގައި ފުލުހުންގެ 3 އޮފިސަރަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.