ގާނޫނުލް އުގޫބާތު ނެގެހެއްޓުމުގެ ތެރެއިން ފަރުދުންގެ ހައްގުތަކާއި މިނިވަންކަން މިހާރަށްވުރެ ފުރިހަމަގޮތެއްގައި ކަށަވަރު ވެގެންދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫލުން އުގޫބާތަކީ ޒަމާނަށް އެކަށީގެންވާ އަދި ބައިނަލް އަގުވާމީ އުސޫލުތަކާ ފުށުނާރާނެހެން އިސްލާމީ ޝަރީއަތާ އެއްގޮތަށް ފަރުމާކުރެވިފައިވާ ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އިތުރު ހަރުދަނާ ކަމާއި ފަސޭހަކަން ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"މި ގާނޫނު ތަންފީޒުކުރަން ފެށުމުން ޖިނާއީ އަދުލުގެ ނިޒާމަށް އަންނާނޭ ހެޔޮބަދަލުތައް އޭގެ މަންފާ ހުރިގޮތުގައި ގާއިމްކުރުމަށްޓަކައި ކަމާގުޅުންހުރި އެހެން މުއައްސަސާތަކާ ގުޅިގެންނާއި މި އޮފީހުގެ ޚާއްސަ މަސައްކަތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތަކާއި އެކުލަވާލަންޖެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް މި އޮފީހުން ދަނީ ކުރަމުންނެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

ގާނޫނާ ގުޅުންހުރި މުއައްސަސާތަކަށް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ކުރިޔެކޭވެސް އެއްފަދައިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ޕީޖީ އޮފީސް ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.