19 Jul 2015, 09:42
ގެއިން މަގުމައްޗަށް ނުކުމެވޭ ވަރުވަނީ ދެ ސައިކަލް، ނުވަތަ ހަތަރު ފުރޮޅުލީ ދެވެހިކަލް ދޭތެރޭ ފިތި ބާރުވެގެންނެވެ. ފަސޭހަ ގޮތަކަށް މިސްކިތަކަށް ވަދެވޭކަށް ނެތެވެ. އޮފީސް ވަށައި ހިނގައިގެން ނޫނީ އޮފީހަށް ވަދެވެނީއެއް ނޫނެވެ. ޕޭވްމަންޓުން މަގުގެ އަނެއް ފަރާތަށް ދިއުމަށް ހުރަސްކުރާނެ ޖާގައެއް ހޯދަން އެތައް ހިސާބަކަށް ހިނގަންޖެހެ އެވެ. މިއީ މިއަދު މާލޭގެ ހާލެވެ. ކުރިއާއި އަޅައިބަލާ އިރު ގަވައިދާ ހިލާފަށް ވެހިކަލް ޕާކްކުރުން މިހާރު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
"ނުގަވައިދުން ޕާކް ކުރުން އިތުރުވެފައިވާކަން ފަހަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" ޗީފް ސްޓޭޝަން އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސުޖާއު ވިދާޅުވި އެވެ.
ފަހަކަށް އައިސް މިހެން ވުމުގެ ސަބަބެއް އެބައޮތެވެ. އެއްގަމު އުޅަނދު ފަހަރުގެ ގާނޫނަށް ބަދަލުގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނާ ގޮތުން އެބިލް ތަސްދީގު ކުރާ ދުވަހުން ފެށިގެން އޭގެ ކުރިން ކުރެވިފައިވާ ޓްރެފިކް ޖޫރިމަނާތައް މާފްވާނެ އެވެ. އެހެންކަމުން ފުލުހުން މިހާރު ކުރާ ޖޫރިމަނާތަކަކީ ބޭކާރު މަސައްކަތަކަށް ވެގެންދާނެ އެވެ. އެއާއެކު ފުލުހުން މިހާރު ވަނީ ސްޓިކާ ޖެހުން ހުއްޓާލާފަ އެވެ. ނަތީޖާއަކީ ނުގަވައިދުން ޕާކް ކުރުން އިންތިހާއަށް އިތުރުވެގެންދިއުމެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި ސައިކަލްތަކެއް-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން
"މީގެ ކުރިން އަހަރެންނަކީ ގެއިން ބޭރުގައި ކާރު ޕާކް ކުރާ މީހެއް ނޫން. މުޅިން ގޭތެރޭ ޕާކް މިކުރަނީ. އެކަމަކު މިފަހަކަށް އައިސް ގަރާޖު ދޮރުމަތި ފުރާ ސައިކަލް ޕާކްކޮށްފައި މިހުންނަނީ. އެހެންވެ ގަރާޖަށް ކާރުވަށްދަން ވެސް ފުރުސަތު ނުލިބޭ،" ކާރެއްގެ ވެރިފަރާތަކުން ފަހަކަށްއައިސް އޭނާއަށް ދިމާވާ ދަތިތައް ހިއްސާ ކުރަމުން ބުންޏެވެ.
ސްޓިކާ ޖޫރިމަނާ މައާފްކޮށްދޭ އިސްލާހް މަޖިލީހަށް ހުށައެޅުއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އެފަދަ ޖޫރިމަނާތަކުގެ ސަބަބުން "އެތައް ޒުވާނުން" ތަކެއް ދައުލަތަށް ދަރަނިވެރިވެފައިވާތީ އެކަމަށް ހައްލެއް ގެނެސްދިނުން ކަމަށެވެ.
މިއަދު މަގުތައް މަތިން މިފެންނަ މަންޒަރުން އެ އިސްލާހުގެ ފައިދާ ނާޖާއިޒުގެ ގޮތުގައި ބޭނުން ކުރަމުން އަންނަކަން ހާމަވެގެން އެބަދެ އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވެސް ވަނީ ނުގަވައިދުން ޕާކްކޮށްފައި ހުރި އުޅަނދުތަކުގައި 15000 ސްޓިކާ ޖަހާފަ އެވެ. އެއީ އަދަބު ދިންއިރުގެ ހާލެވެ. ދެން ޖޫރިމަނާ ނުކުރާއިރުގެ ހާލަތު ސިފަކޮށްލައްވާށެވެ. ކުދިބޮޑު އެތައް ބަޔަކަށް މީގެ އުނދަގޫ މިވަނީ ފޯރަން ފަށާފަ އެވެ. ހިނގުމަށާއި ދުއްވުމަށް ވެސް މިވަނީ އިންތިހާއަށް ދަތިވެފަ އެވެ.
ސްޓިކާއަށް މިހާރު ނެގޭ ޖޫރިމަނާ އަކީ ބޮޑު އަދަދެއް ކަމަށް ފުލުހުން ވެސް އަދި ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ގަބޫލު ކުރެ އެވެ. އެހެން ކަމުން ސްޓިކާ ޖެހުން ހުއްޓާލުމަށް ވުރެ މިހާރު ޖޫރިމަނާގެ ގޮތުގައި ނަގާ 250 ރުފިޔާއާއި 750 ރުފިޔާގެ ޖޫރިމަނާ އެއަށް ވުރެ ކުޑަކޮށް އެކުށް ތަކުރާރު ކުރާ ފަރާތްތަކާއި މެދު ހަރުކަށި އަދަބެއް ދޭގޮތަށް އުސޫލުބަދަލު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ފެނެ އެވެ. ނަމަވެސް މައާފްކޮށް ހުއްޓުވުމަކީ ހައްލެއް ނޫނެވެ. އެއީ ދެވޭ ނުބައި މެސެޖަކަށް މިވަނީ ވެފަ އެވެ.
ޕާކިން އަށް ހައްލު ގެނެވޭނީ ކިހިނެއް؟
އިންސްޕެކްޓަރު އޮފް ޕޮލިސް ސުޖާއު ވިދާޅުވިގޮތުގައި އެއިމާރާތެއްގައި އުޅޭ ފަރާތްތަކުގެ ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް އެއިމާރާތަކުން ހަމަޖެހޭ ގޮތަށް މާލޭގެ އިމާރާތް ކުރުމުގެ ކޯޑަށް ބަދަލު ގެންނަން ޖެހެ އެވެ. އަދި އާންމު ހިދުމަތްދޭ ތަންތަން ހުޅުވުމުގެ ކުރިން އެތަންތަނަށް ހިދުމަތް ހޯދަންދާ ފަރާތްތަކުގެ އުޅަނދުތައް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އިމާރާތެއްގެ ތިރީގައި ޕާކިން ޒޯނެއް ހަދާފައި-- ސަން ފޮޓޯ
"ޕަބްލިކް ސާވިސް އަށް ހުޅުވާލާ އިރު، މިސާލަކަށް ކްލިނިކް ކަހަލަ ތަނެއް، އެކްލިނިކަށް އަންނަ ފަރާތްތަކަށް އެ ކްލިނިކް ހުންނަ އިމާރާތު ތިރިން ނަމަވެސް އެބަޖެހޭ ޕާކިން ޒޯނެއް ދޭން. އޭގެ އިތުރުން އާންމުކޮށް މީހުން ޒިޔާރަތް ކުރާތަންތަނުގައި ޕާކިން ހައުސިން ކަހަލަ ތަންތަން ހެދެންޖެހޭ،" ސުޖާއު ވިދާޅުވި އެވެ.
ދާއިމީ ހައްލެއް ހޯދަމާ
މީގެ ހަ އަހަރުކުރިން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ވަނީ ވަކި ސަރަހައްދެއްގައި ނުވަތަ ވަކި ރަށެއްގައި ދުއްވޭނީ ކިތައް އުޅަނދުކަން ކަނޑައެޅުމުގެ ބާރު ލިބިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮށްފައެއް ނުވެ އެވެ.
ކޮންމެ މީހަކަށް 10 ސައިކަލް، ނުވަތަ ފަސް ހަ ސައިކަލް ގަނެވޭ ކަހަލަ އުސޫލެއް މިހާރު މިއޮންނަނީ. މާލޭގެ ބިމުގެ ޖާގައަށް ބަލާފައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަންޖެހޭ،ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ސުޖާއު
މާލޭގެ ހާލަތު މިހާ ހިސާބަށް ދިޔައިރު ވެސް ދެރައީ ދާއިމީ ހައްލަކަށް ފިޔަވަޅު ނާޅާތީ އެވެ. މާލޭގައި މިހާރު 49605 އުނޅަދު ދުއްވާއިރު މިއީ މާލެއާއި އެކަށީގެންވާ މިންވަރު ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅަކަށް މިކަން ހައްލު ކުރަންޖެހެ އެވެ.
ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު ސުޖާއު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅަށް ތަރުތީބުކޮށް ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ފުރަތަމަ ކަމަކަށް ބިމުގެ ޖާގައަށް ބަލައި މާލޭގައި އުޅަނދު ދުއްވޭ އަދަދު ލިމިޓް ކުރެވެން ޖެހެ އެވެ. ހަމައެއާ އެކު އެ އުޅަނދެއް ދުއްވޭވޭނީ ކިތައް އަހަރަށްކަން ކަނޑައަޅަން ޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް 10 ސައިކަލް، ނުވަތަ ފަސް ހަ ސައިކަލް ގަނެވޭ ކަހަލަ އުސޫލެއް މިހާރު މިއޮންނަނީ. މާލޭގެ ބިމުގެ ޖާގައަށް ބަލާފައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަން ޖެހޭ،" ސުޖާއު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މިހާރު މާލޭގައި ދުއްވާ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި ޖާގައަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާވަރަށް އުޅަނދު ކޮންޓްރޯލް ކުރުން ކަމަށެވެ. އެކަން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރެވިފައިވާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
"އެގޮތަށް އުސޫލްތައް ކަނޑައެޅިމާ މާލޭގައި އަލަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ ޖާގައެއް ހުސްވީމާ. ނުވަތަ އުޅަނދެއް ބާވެގެން ނައްތާލީމަ،" ނާފިޒް ވިދާޅުވި އެވެ.

ޕާކްކުރުން މަނާ ދޮރާއްޓެއްގެ ކުރިމަތީގައި ދެ ކާރު ޕާކްކޮށްފައި--- ސަން ފޮޓޯ: ޔޫސުފް ސޮއްވާން
ދެން އޮތީ މިހާރު އޮތް އުސޫލްތަށް ތަންފީޒް ނުކުރެވޭ ވާހަކަ އެވެ. ގަވައިދު ބުނާ ގޮތުން ހަތަރު ފޮރޮޅުލީ އުޅަނދު ރަޖިސްޓުރީ ކޮށްދެނީ އެއުޅަނދު ޕާކް ކުރާނެ ގަރާޖެއް ހުށައެޅުމުންނެވެ. ނަމަވެސް މާލޭގައި މިއަދު ފެންނަ މަންޒަރަކީ އެއީ ހަމައެކަނި ރަޖިސްޓްރީކުރަން ހުށަހަޅާ ލިޔުމަކަށްވުމެވެ. އޭގެ ބަދަލުގައި އެއުޅަނދަކަށް އެގަރާޖަކުން ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އުޅަނދުތައް އެވަނީ މަގުތަކަށް ގިނަވެފަ އެވެ.
"މިހާރު އެއް ގަރާޖެއްގައި އެތައް އުޅަނދެއް ރަޖިސްޓްރީވެފައި އެބަހުރި. އެހެންކަމުން އެތައް އުޅަނދެއް މަގުމަތީ ޕާކްކޮށްފައި އެބަހުރި. މިކަންކަން ޓްރާންސްޕޯޓަށް މޮނީޓާއެއް ނުކުރެވޭ،" ސުޖާއު ވިދާޅުވި އެވެ.
ކޮންމެއަކަސް މިއަދު މާލޭގެ މަގުތަކުގެ ތަރުތީބް މިވަނީ ކުރިއަށްވުރެ ވެސް ދަށު ދަރަޖައަށް ގޮސްފަ އެވެ. ހަމައެއް ލަމައެއް ނެތެވެ. އަދަބެއް ނުލިބޭނެކަން އަދި ޖޫރިމަނާއެއް ނުކުރާނެ ކަން އެނގި ޕާކް ކުރަމުން އެދަނީ ހިތު ހުރިހާ ގޮތަށެވެ. ޖޫރިމަނާ މައާފްވާ އިސްލާހު މިވަނީ ނުގަވައިދުން ޕާކް ކުރުމަށް އެޅުނު ފިޔަވަޅަކަށްވެފަ އެވެ.