ހަނގުރާމަ ކުރުމަށް ކަމަށް ބުނެ، ރާއްޖެއިން ބޭރަށް ދިޔަ ހ. ހިލްޓަން އަޒްލިފް ރައޫފް ރާއްޖެއިން ބޭރަަށް ފުރައިގެން ދިޔަ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގަވާފައި ވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ މުލީއާގޭގައި ދެ މަޖައްލާއެއް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރާގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުން ދާކަމަށާއި އަފްރާޝީމްގެ ގާތިލުންނަކީ ކޮންބައެއްކަން ޚުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި އަޒްލިފާއި އިތުރުބައެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ސަން ފޮޓ: ޔޫސުފް ސޮއްވާން

" އަޅުގަނޑު ސުވާލުއުފައްދަން ބޭނުން ކީއްވެގެންތޯ އޭނައަށް ރާއްޖޭން ބޭރަށް ދަތުރުކުރެވެންވީ. ހަމަ ޒިންމާދާރުކަމާއި އެކީ އޭރު އިމިގްރޭޝަނުގައި ތިބި ބޭފުޅުން ވެސް އަދި އިމިގްރޭޝަން ބަލަހައްޓަވަމުން ގެންދެވި ޑިފެންސް މިނިސްޓަރުވެސް އެބަޖެހޭ މިހަކަލަ ކަންކަަމަށް ޖަވާބުދާރީވާން،" ރައީސް ވިދާޅުވިއެވެ.

އަދި އަޒްލިފު ރައޫފު ފުރައިގެން ދިޔަ މައްސަލައިގެ ތަހުގީގު މިއަދު ފުލުހުން ފަށާފައިވާ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަފްރާޝީމުގެ މަރާ ގުޅޭ ވާހަކަތައް 'ކިތަންމެ ގޮތަކަށް އަނބުރާފައި' ދެއްކި ނަމަވެސް އޭގެ ހަގީގަތްތަަކެއް އެނގިވަޑައިގަންނަވާ ކަަމަަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ސަރުކާރު ހިންގާ ބޭފުޅުންނަކަށް " ހީ ގެ މައްޗަށް ނޫނިއްޔާ ޝައްކުގެ މައްޗަށް ނުވަތަ ތުހުމަތުގެ މައްޗަށް" ބިނާކޮށް ވާހަކަ ނުދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބައެއް ނޫސްވެރިން އާޓިކަލްތައް ލިޔާއިރު މައްސަލައިގެ ދެކޮޅު ފުރިހަމައަށް ނުގެންނަ ކަަމަށް ވިދާޅުވެފައެވެ.

" ބައެއް ކަހަލަ ޖާނަލިސްޓުން ނުވަތަ ބައެއް ކަހަލަ މަޒުމޫނުތައް ބައެއް ޖާނަލިސްޓުން ލިޔުއްވާފައި އެބަހުރި. މީގަ މުޅިން ވެސް މި ފެނިގެންދަނީ މުޅިން ވެސް މައްސަލައިގެ އެއް ފަރާތް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަށް ރައްދުވާ މައްސަލައަކާއި ބެހޭގޮތުން ލިޔުއްވާނަމަަ އެކަމުގައި ސަރުކާރުގެ ބަހެއް ހޯދަން ޖެހޭ ކަމަށާއި ރައީސުލްޖުމުހޫރިއްޔާ އަށް ސީދާ ނުގުޅޭނަމަ އެ މައްސަލަ އޮޅުންފިލުވައިދޭ ފަރާތަކާއި ގުޅައިގެން މައުލޫމާތު ހޯދަންޖެހޭ ކަަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާތަކަށް ބަލާއިރު މީޑިއާތައް ހުރީ ބާރުގަދަ ނުފޫޒް ގަދަ ފަރާތްތަކުގެ ބާރުގެ ދަށުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

" އެ ފަރާތަކުން ވާހަކަ ޓްވިސްޓްކުރަން ބޭނުންވާ ގޮތަކަށް ވާހަކަ ޓްވިސްޓް ކުރި ނަމަވެސް ކޮންމެ ވެސް ބަޔަކު ހަގީގަތާއި އެއްގޮތަށް ގެންނާން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރަނީ ސަރުކާރުގެ ވައުދު ފުއްދަން ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.