އައްޑޫ ސިޓީން ހައްވާ ލުބްނާ

އައްޑޫ ސިޓީގައި އޮންނާނީ ހަތަރު އަވަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ހަތަރު އަވަށަކީ ހިތަދޫ އަވަށާއި މަރަދޫ އަވަށާއި ފޭދޫ އަވަށުގެ އިތުރުން ހުޅުމީދޫ އަވަށެވެ.

އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ، އޭގެ ތެރެއިން މަރަދޫ އަވަށް އެކުލަވައިލައިފައި ވަނީ ކުރިން ވަކި ދެ އޮފީހެއް ހުރެގެން ހިންގަމުންދިޔަ މަރަދޫ އާއި މަރަދޫ ފޭދޫ އެއްކޮށްލައިގެން ކަމަށެވެ. އަދި ހުޅުމީދޫ އަވަށަކީ އައްޑޫ ސިޓީގެ އެހެނިހެން ރަށްތަކާއި ވަކިން، ގުޅިފައި އޮންނަ ދެ ރަށް ކަމުގައިވާ ހުޅުދޫއާއި މީދޫ އެއްކޮށްލައިގެން އުފައްދާފައިވާ އަވަށެއް ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އެ ދެ ރަށް ވެސް ކުރިން ހިންގަމުންގޮސްފައިވަނީ ވަކިންނެވެ.

ސޯބެ ވިދާޅުވީ، އަވަށްތައް ކަނޑައެޅުމަށް ފަހު މިހާރު އެތަންތަނުގެ ވަގުތީ ބޯޑަށް ބޭފުޅުން އައްޔަންކޮށްފައިވާ ކަމަށެވެ.

"ކޮންމެ ވަގުތީ ބޯޑެއްގައި ރައީސެއް، އަދި ބައެއް ބޯޑުތަކުގައި ނައިބު ރައީސުން ވެސް ހިމެނޭ ގޮތަށް އުފައްދައިފައި މިވަނީ. ދެން އެ އަވަށްތަކުގެ އޮފީސްތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ އެ ބޯޑުތަކުން ހޮވައިލެވޭ ބޭފުޅެއް،" ސޯބެ ވިދާޅުވި އެވެ. ނަމަވެސް، އަދި ދާއިމީ ބޯޑުތައް އެކުލަވާލާނެ ގަވައިދެއް ކަނޑައަޅައިފައިނުވާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ލޯކަލް ގަވާމަންޓް އޮތޯރިޓީ )އެލްޖީއޭ( ގައި ކުރިއަށްގެންދަވާނެ ކަމަށް ވެސް މޭޔާ ވިދާޅުވި އެވެ.

އަދި އެލްޖީއޭގައި މަޝްވަރާކޮށް، ގަވާއިދުތައް އެކުލަވާލުމަށް ފަހު އައްޑޫ ސިޓީ ކައުންސިލްގެ ނިންމުން ވަރަށް އަވަހަށް ތަންފީޒުކުރައްވާނެ ކަމަށް ވެސް ސޯބެ. "އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާންނެރޭނަން ކަނޑައެޅި އަވަށްތަކުގެ. މާލަހެއްނުވެ ދެނ އަޅުގަނޑުމެން އެއަށް އަމަލުކުރަން ފަށާނަން،"

ކުރިން ވަކިން ހިންގަމުންދިޔަ ހަތަރު ރަށެއް ގުޅިވައިގެން ދެ އަވަށެއް ކަނޑައަޅައިފައި ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާކޮށްފައިތޯ ދެންނެމުވުން ސޯބެ ވިދާޅުވީ، އެގޮތަށް ނިންމައިފައި ވަނީ ސިޓީ ކައުންސިލަށް ފެނުނު އެންމެ ރަނގަޅުގޮތް ކަމަށްވާތީ ކަމަށެވެ.

އަދި ކޮންމެވެސް ވަރަކަށް އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިފައިވާ ކަމަށާއި އެއް އޮފީހެއް ހުރެގެން ދެރަށް ހިންގުމާ ގުޅެ ގޮތުން ބައެއް ޚިޔާލުތަފާތުވުންތަކެއް އެބަހުރިކަން ސޯބެ ފާހަގަކުރެއްވި އެވެ.