ރޯދަ މަސް ނިމުމާއި އެކު މާލޭގެ ބާޒާރުގައި ތަކެތީގެ އަގު ވަރަށް ހެޔޮ ވެއްޖެއެވެ.

ކުއްލިއަކަށް ވަރަށް ބޮޑަށް އަގުވެއްޓިފައިވާ ބާވަތްތަކުގެ ތެރޭގައި ކުރުނބާ ހިމެނެއެވެ. ރޯދަ މަހު ފަހުކޮޅު 30 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދު ވިއްކު ކުރުނބާ މިހާރު ހުރީ 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދެމެދުއެވެ. ރޯދަ މަހު 40 ރުފިޔާ އާއި 45 ރުފިޔާ އާއި ދެމެދު ވިއްކި ކަރާ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާ އާއި 35 ރުފިޔާ އަށް ވެއްޓިފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މިއަށްވުރެ ވެސް އަގު ހެޔޮވާނެ ކަަމަށް ދަތުރުވެރިންނާއި ލޯކަލް މާރުކޭޓްގަ ތިބި ބައެއް ވިޔަފާރިން ބުންޏެވެ.

"މާދަމާ އަދި މިއަށް ވުރެ ވެސް އަގުހެޔޮވާނެ. ތޮއްޑޫ އަދި ކާށިދޫ އިން ވެސް އެބައާދޭ ބޯޓްތައް" ލޯކަލް މަރުކޭޓްގައި އިން ވިޔަފާރިވެރިއަކު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން.

ބައެއް ބާވަތްތަކުގެ އަގުތައް

*ދޮންކެޔޮ 3 ރުފިޔާ އަށް ވަކެއް، ރޯދަމަހު ދޮންކެޔޮ ވަކެއް ވިއްކީ 5 ރުފިޔާއަށް

*ފަޅޯ 5 ރުފިޔާ އާއި 8 ރުފިޔާ އާއި ދޭތެރޭ އަގެއްގައި، ރޯދަ މަހު ވިއްކީ 15 ރުފިޔާ އަށް 20 ރުފިޔާ އަށް

*ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާ އަށް، ރޯދަމަހު ވިއްކީ 20 ރުފިޔާއަށް.

*އަލަނާސި 35 ރުފިޔާ އަށް ގަނޑެއް، ރޯދަ މަހު ވިއްކީ 50 ރުފިޔާ އަށް

*ބޭރު އަނބު 40 ރުފިޔާ އަށް ކިލޯއެއް ރޯދަ މަހު 90 ރުފިޔާ އަށް ކިލޯއެއް

*ފޭރު 35 ކިލޯއެއް، ރޯދަ މަހު 60 ރުފިޔާ އަށް ކިލޯއެއް

މިއަހަރުވެސް ކުކުޅު ހާ ވިއްކި

އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުވެސް އީދު ދުވަހު ވަނީ ދިވެހި ކުކުޅު އަދި ހާ ވިއްކާފައެވެ. އެހެންނަމަވެސް މިއަދު ބާޒާރުގައި ކުކުޅު ހާ ވިއްކަން ހުރިތަނެއް ނުފެނެއެވެ.

އީދު ދުވަހު ވިއްކަން ގެނެސްފައި ހުރި ކުކުޅު ހާ -- ސަން ފޮޓޯ: މުހައްމަދު ނާސިހުއީދު ދުވަހު ހާލެއް ވިއްކާފައި ވަނީ 900 ރުފިޔާ އާއި 1000 އާއި ދެމެދުގެ އަގުތަކެއްގައެވެ. ކުކުޅެއް ވިއްކާފައި ވަނީ 800 ރުފިޔާ އާއި 900 ރުފިޔާ އާއި ދެމެދުގައެވެ.

އީދު ދުވަހު ކުކުޅު ހާ ވިއްކަނީ -- ސަން ފޮޓޯ: މުހައްމަދު ނާސިހު

އަގުބޮޑު ސީޒަން ނިމުނީ

ކޮންމެ އަހަރަކުވެސް އަންނަ ކާބޯތަކެތީގެ އެއްމެ އަގު ބޮޑު ސީޒަން ވެސް ރޯދަ މަހާއި އެކު ނިމުނީއެވެ. ވިޔަފާރިވެރިން ބުނާގޮތުން ބާޒާރުގައި ދެން ދާނީ ތަކެތި އަގުހެޔޮވަމުންނެވެ.