ލ. ގަން ތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށްލި ކުއްޖާގެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމަށްޓަކައި އެ މައްސަލަ ހުށަހެޅުމުން މައްސަލައިގެ ހުރިހާ ލިޔުންތައް މިހާރު ހައި ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ހާދިސާ ހިނގިއިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ. މިހާރު އެކުއްޖާގެ އުމުރަކީ 19 އަހަރެވެ.

ނިޒާރު މަރުވެފައި ވަނީ 2013 ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް އޭނާ ސައިކަލުގައި ދަނިކޮށް ބަޔަކު މީހުން އޭނާއަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ޓެރަރިޒަމްގެ ދައުވާއަށް އެކުއްޖާ އިންކާރުކުރިނަމަވެސް ނިޒާރަށް އެކުއްޖާ ހަމަލާދިންތަން ދުށް ކަމާއި ހަމަލާދިން މީހުންގެ ތެރޭގައި އެކުއްޖާ ހުރި ކަމަށް ދެ މީހަކު ހެކިބަސްދީފައިވާ ކަމަށެވެ.

ހާދިސާ ހިނގިތަނުގައި ނިޒާރު ވެއްޓިފައި އޮތް އިރު އޭނާގެ ބޯ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމާއި އެތަނުން ހަމަލާދިން ކަމަށް ބެލެވޭ ދަގަނޑު ބުރި އަކާއި ލަކުޑިބުރިއަކާއި ދަނޑިބުރިއެއް ފެނިފައިވާ ކަން ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގޭ ކަމަށް ވެސް ޖުވެނިއަލު ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ނިޒާރު މަރާލިރޭގެ ކުރީރޭ ލ. ގަމު ފަތިސް ހަނދުވަރުގެއަށް ގޮސް އެގެއިން މީހަކު ނެރެން ގޮވައި ހަޅޭލެވި މީހުންނާއެކު އެކުއްޖާ އެތަނަށް ދިޔަކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހާދިސާއަކީ އެކުއްޖާއާއި އިތުރު ބަޔަކު ބައިވެރިވެގެން ވަކި މީހަކު ހޯދައި އެމީހާއަށް ހަމަލާދިނުމަށް ކުރީއްސުރެ ތައްޔާރުވެގެން ވަކި ތަނެއްގައި ތިބެ ލަކުޑިބުރި އާއި ދަގަނޑު ހޮޅިބުރި ބޭނުންކޮށްގެން ހިންގާފައިވާ އަމަލެއްކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ވަނީ ނިޒާރު މަރުވެފައި ވަނީ ކޮންއެއްޗަކުން ޖަހައިގެން ލިބިފައިވާ އަނިޔާއަކުންކަން ކަނޑައެޅިގެން އެނގެން ނެތްނަމަވެސް، އެހާދިސާގައި ނިޒާރާމެދު މާރާމާރީ ހިންގާފައިވާ ކަމާއި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަން މެޑިކޯލީގޯ ކޭސް ރިޕޯޓުން އެނގޭ ކަމަށެވެ.

އަދި އޭނާ މަރުވެފައި ވަނީ އެ މާރާމާރީ އާއި މާރާމާރީގެ ސަބަބުން ލިބިފައިވާ އަނިޔާތަކާ ޒަޚަމްތަކުގެ ސަބަބުން ކަން ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައިވެ އެވެ.

އެއަމަލު ހިންގިތަނާއި ހިންގި ގޮތާއި ހާލަތަށާއި އަދި ބޭނުންކުރި އާލާތަށް ބަލާއިރު އެއީ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިވުމުގެ ގޮތުން ހިންގާފައިވާ ފަސާދައިގެ އަމަލެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެކުއްޖާގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ދިވެހިރާއްޖޭގަައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.