އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔަރުވާ ގައުމީ ފިރިހެން ވޮލީ ޓީމް ޓްރޭނިން ކޭމްޕެއްގައި ތައިލެންޑަށް ފުރައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އޮފިޝަލެއް ކަމުގައިވާ އަޙްމަދު ޙުސައިން (ދޮނާ) ސަން އަށް ވިދާޅުވީ، މިއަދު ތައިލެންޑަށް ފުރި ގައުމީ ވޮލީ ޓީމް ތައިލެންޑްގެ ގައުމީ ޓީމާއެކު ދެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ތައިލެންޑްގައި އެގައުމުގެ އެންމެ މަތީ ފަންތީގެ ކުލަބުތަކާ ދެކޮޅަށް މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގައުމީ ޓީމް ތައިލެންޑްގެ ކޭމްޕަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.

މާދަމާ އަންހެން ގައުމީ ޓީމްވެސް ތައިލެންޑަށް ފުރާ ގޮތަށް ވަނީ ހަަމަޖެހިފައެވެ.

ރީޔޫނިއަންގައި އަންނަ މަހު 1 ން 8 ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހުއެވެ.