18 Jul 2015, 14:36
އަންހެނަކު އޭނާގެ ބަނޑަށް ވަޅި ހަރައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެންމީހާގެ ބަނޑަށް އަމިއްލަ އަށް ވަޅިހެރީ ފިރިމީހާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު 1:35 އެހާކަންހާއިރު އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ އަންހެން މީހާ އަކީ އުމުރުން 28 އަހަރުގެ އަންހެނެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރި ވެސް އޭނާ ވަނީ އައިޖީއެމްޗަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ އެ އަންހެން މީހާ މިއަދު 1:20 އެހާކަށް ހާއިރު އައިޖީއެމްޗަށް ގެނެސްފައިވާ ކަމަށާއި އަދި މިހާރު އޭނާ ވަނީ އޮޕަރޭޝަނެއް ކުރުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ.
ޒީނަތު ވިދާޅުވީ އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތައް އަދި "މާ ރަނގަޅަށް ސާފުނުވާ" ކަމަށެވެ.