ދެ މަސް ދުވަހަށް ފަހު ފެށި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ މެންދުރު ފަހު ދަންފަޅީގެ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާޅައިފި އެވެ.

އެކެއްޖަހާ އިރު ފެށުމަށް ހަމަޖެހިފައި އޮތް ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން 1:08ގައި ޖަލްސާ މެދު ކަޑުއްވާލައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެންބަރުން ހާޒިރުވެވަޑައިނުގަންވާތީ، 1:25ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމަވައި، ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށެވެ.

މެންދުރު ފަހުގެ ދަންފާޅީގައި މަޖިލީހުގައި ކުރިއަށް ހަމަޖައްސާފައި އޮތީ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބިދޭ ގޮތަށް ފާސްކޮށް، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުގެ މަސައްކަތެވެ.