ބަޣްދާދު (ޖުލައި 18) : ބަރަކާތްތެރި ފިތްރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ކާބޯތަކެތި ތަކެތި ގަތުމަށް އިރާގުގެ އެތަށް ހާސްބަޔަކު އެއްވެ ތޮއްޖެހިފައިވާ ބޮޑު ބާޒާރެއްގައި އައިއެސް ޖަމާއަތުން އިއްޔެ ބާރުގަދަ ކާރުބޮމެއް ގޮއްވާލައިގެން މަރާލިމީހުންގެ އަދަދު 83 އަށް އަރައިފި އެވެ.

މިބާޒާރަކީ ބަޣްދާދުގެ އުތުރުން 30 ކިލޯމީޓަރު ދުރުގައިވާ ދިޔާލީ ގަވަރނޭޓްގެ ޚާންބަނީ ސަޢްދު ސަރަހައްދުގައިވާ ބާޒާރެކެވެ. ބޮންގޮއްވާލާފައި ވަނީ ފިތްރު އީދުދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ. އިރާގުގެ އަމަނާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި އައިއެސްގެ ހަނގުރާމަވެރިން މިޓެރަރިސްޓް ޙަމަލާދިނީ ގޮވާތަކެތި އަޅާފައިވާ ކާރުބޮމެއް ގޮއްވާލައިގެންނެވެ. މިޓެރަރިސްޓް ޙަމަލާގައި 100 އަށްވުރެ ގިނަމީހުން ޒަޚަމްވެސް ވެފައިވެއެވެ.

މިއީ ބަރަކާތްތެރި ފިތްރު އީދުދުވަހު އައިއެސްއިން އިރާގުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް ދިން މަރުގެ "ހަދިޔާ" ކަމަށްވެސް އިރާގުގެ މީޑިޔާއިން ސިފަކޮށްފައިވެއެވެ. އައިއެސްއިން ނެރުނު ބަޔާނެއްގައި އެޖަމާއަތުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން އިރާގުގެ އާންމުންގެ ބާޒާރަކަށް ދިން ކާރޮބޮމުގެ ޙަމަލާއެއްގައި އެތަށްބަޔަކު މަރާލެވުނުކަން ފާހަގަކޮށް އެއީ "ޖިހާދު" ގެ އަމަލެއްކަމަށް ސިފަކޮށްފައިވެއެވެ. ގޮއްވާލި ކާރުބޮމުގައި 3 ޓަނުގެ ގޮވާތަކެތި ހުންނާނެ ކަމަށްވެސް އައިއެސް އިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ފިތްރު އީދު ދުވަހު އިރާގުގެ އާންމުންނާ ދެކޮޅަށް އައިއެސް އިން ހިންގި މިގަތްލުއާންމު ދުށްމީހުން ބުނާގޮތުން ކާރުބޮން ގޮއްވާލި ބާޒާރުވަނީ މީހުންގެ ބުރިބުރި ވެފައިވާ ގުނަވަންތަކާއި ހަށިގަނޑުގެ ބައިތަކާއި އިންސާނުންގެ ބޯބުރިތަކާއި ގޮހޮރާއި ބަނޑުގެ އެތެރޭގެ ބައިތަކުން ފުރިފައެވެ. ކުޑަކުދިންނާއި އަންހެނުންނާއެކު އާއިލާތައް ހުރިހުރި ގޮތަށް މިބާޒާރުގައި މަރުވެ އެމީހުންގެ ހަށިތައް ހަލާކުވެ ލެއިން ތަތްތެޅިފައިވާއިރު މިއީ މިތަނުގައިވަނީ ލޭގެ ކޯރެއް އުފެދިފައެވެ. އަދި މުޅިތަންވަނީ ޖަނަވާރުކަތިލާ ތަނަކަށް ނޫނީ މަސްކަނޑާ ތަނަކަށް ބަދަލުވެފައި ކަމަށާ ނަމަވެސް އެތަނުގައިވަނީ އިންސާނުންގެ މަސްކަމަށް މަންޒަރު ދުށްމީހުން ބުނެފައިވެއެވެ.

އައިއެސް އަކީ ބަދަލު ހިފުމުގެ ރޫހެއްގައި މާތްވެެގެންވާ އިސްލާމްދީން ހަލާކުކޮށް މުސްލިމުން ކަތިލައި މުސްލިމުންގެ ނަސްލު ނައްތާލަން މަސައްކަތްކުރާ ނުރައްކާތެރި ޚަވާރިޖުންގެ ބައިގަނޑެއް ކަމަށާ އެޖަމާއަތް ނައްތާލެވެންދެން ނޫނީ އެޖަމާއަތުގެ ހަނގުރާމަވެރިން އެނބުރި އަލުން އިސްލާމް ދީނަށް ރުޖޫއަވަންދެން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރަންޖެހޭކަމަށް އިސްލާމީ ގިނަ ދަންނަބޭކަލުންވަނީ ފަތްވާ ދެއްވާފައެވެ. (ނޫސްއެޖެންސީތައް)