18 Jul 2015, 14:21
އިސްޓާކީނެއްގެ ތެރެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަޅައިގެން ގެންގުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރު ކުރީ އދ. މަހިބަދޫން ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ އިސްޓާކީނުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ ދެ މީހުން ފެނުނު ވަގުތު އެ އިސްޓާކީނު އެއްލާލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައި އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާދީފަ އެވެ.