ކުރިޔަށް އޮތް ފަންސާހަކަށް އަހަރު ތެރޭގައި އެމެރިކާއަށް ވަރަށްބޮޑު ބިންހެލުމަކާއި ސުނާމީ އެއް އައިސް އެމެރިކާގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެގެންދާނެ ކަމުގެ ފުރްސަތު ބޮޑުކަމުގެ އިންޒާރު ސައިސްމޮލޮޖީ އާއި ބިންހެލުމުގެ އިލްމުގައި އެމެރިކާގެ އެންމެ މަޝްހޫރު އެއްސައެންޓިސްޓް ކެތަރިން ޝޯޓްޒް ދެއްވައިފި އެވެ.

އެތައް އަހަރެއްގެ އިލްމީ ރީސާޗްތަކެއްގެ އަލީގައި ޝޯޓްޒް ވިދާޅުވީ 1300 ކިލޯމިޓަރުގެ ދިގުމިނުގައިވާ އެމެރިކާގެ "ސެންއެންޑްރިޔަސް ފޯލްޓް" އަކީ ޓްރާންފޯމް ފޯލްޓެއް ކަމަށާ އެފޯލްޓްވަނީ ޕެސިފިކް ކަނޑުގައި ހަރަކާތްތެރިވާ ޕްލޭޓްތަކާއި އެމެރިކާ ބައްރުގެ އުތުރުގައި ހަރަކާތްތެރިވާ ޕްލޭޓްތަކާ ދެމެދުގަ އެވެ. އަދި މި ފޯލްޓްގެ އުތުރުގައި ކަސްކޭޑިޔާ ނަމަކަށްކިޔާ ސަބްޑަކްޝަން ޒޯންތަކެއް އެބަހުރިކަން ސައިސްމޮލޮޖީގެ ހޯދުންތަކުން ދައްކާކަމުގަ އެވެ.

ޝޯޓްޒް އަންދާޒާ ކުރައްވާ ގޮތުގައި މި އެމެރިކާގެ އިތުރުގެ ބިމުއަޑީގެ ޙާލަތު މިގޮތަށް ހުރެފައި މިޕްލޭޓްތައް ހަރަކާތްތެރިވަމުން ދިޔުމުގެ ނަތީޖާއަކީ ރެކްޓަރު މިންގަނޑުން 8 އާއި 9.2 އާ ދެމެދުގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ އުތުރުގެ ސަރަހައްދަށް އަންނާނެކަމަށް ވަރަށް ބޮޑަށް އަންދާޒާ ކުރެވޭކަމެކެވެ. މިހާރު މި ޕްލޭޓްތައް ހަރަކާތްތެރިވަމުންދާގޮތުން ކުރިޔަށްއޮތް ފަންސާހަކަށް އަހަރުތެރޭގައި އެމެރިކާގެ އުތުރާއި ޕެސިފިކް ކަނޑުގެ ސާޙިލް ހިމެނޭގޮތަށް މިބިންހެލުން އައުުމުގެ ފުރްސަތު ވަރަށްބޮޑެވެ.

މިފަދަ ބާރުގަދަ ބިންހެލުމެއްގައި އެމެރިކާގެ އުތުރުން ފެށިގެން މެދުތެރޭ ސަރަހައްދުތަކާ ހަމައަށް ބިންގަނޑު މުޅިން އެއްފުށުން އަނެއްފުށަށް ޖެހި ހަލާކުނުވާ އެއްވެސް އެއްޗެއް އެސަރަހައްދުތަކުގައި ނުހުންނަވަރަށް އެސަރަހައްދުތަކުގެ ބިންގަނޑު ފަށްފަށްޖެހިގެންދާނެ ކަމަށް ޝޯޓްޒް އަންދާޒާ ކުރައްވަ އެވެ. މީގެއިތުރުން މިހާތަނަށް ދުނިޔެއަށް ނާންނަވަރުގެ އުސް، ބިޔަ އަދި ބާރުގަދަ ސުމާނީ ބޮޑުރާޅުތަކެއް އަންނާނެ ކަމަށާ މި ބޮޑު ރާޅުތައް އެމެރިކާގެ އިތުރުން އެހެންބައެއް ގައުމުތަކަށްވެސް އަރައި އެގައުމުތަކުގެ ބޮޑުބައެއް މުޅިން ދޮވެލާނެ (ފްލެޝްއައުޓް ކޮށްލާނެ) ކަމަށްވެސް ޝޯޓްޒް އަންދާޒާ ކުރައްވަ އެވެ.

ޝޯޓްޒް އަންދާޒާ ކުރައްވާގޮތުގައި މި ބިންހެލުންގަނޑު އަންނާނެ ކަމަށްބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި 7 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެމެރިކާގެ ބައެއް ސިޓީތައް އެބަހުއްޓެވެ. އެހެންކަމުން މިބިންހެލުންތަކުގައި އެތައް މިލިޔަން ބަޔަކު އެމެރިކާއިން މަރުވާނެކަމަށް ބެލެވޭއިރު ސުނާމީގެ ސަބަބުން އެހެންގައުމުތަކުންވެސް އެތަށް މިލިޔަން ބަޔަކު މަރުވެގެންދާނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.

ޝޯޓްޒް ވިދާޅުވާ ގޮތުގައި މިބިންހެލުންތަކާއި ސުނާމީއަކީ އަންނާނެކަމުގެ ޔަގީންކަން ވަރަށްބޮޑު އެއްޗެކެވެ. ނަމަވެސް ލަފާކުރަންނޭންގެނީ އަންނާނެ ދުވަހަކާއި ވަގުތެކެވެ. މިގޮތުން ކުރިޔަށް އޮތް 50 އަހަރު ތެރޭގައި ނޫނީ 30 އަހަރު ތެރޭގައި ވެސް އަތުވެދާނެ ކަމަށް ޝޯޓްޒް އަންދާޒާ ކުރައްވަ އެވެ. (ނޮވެސްޓީ)