މަންޒަރަކަށް ފަހު މަންޒަރެއް ބަދަލުވަމުން ގޮސް ބޮޑު މަންޒަރުގެ ސުންގަޑިއާ ޖެހެންދަނީ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގައި އެޅުނު ކޫރުން ރެނދަށް ބަދަލުވެ ފަޅަފަޅައިގެން ދިޔަ ހިސާބުން މައިދާނުން ފުސްކަން ފިލަމުން އެބަދެ އެވެ. ސިޔާސީ މިތުރުންންގެ ގޮތުގައި ތިއްބެވި ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާއި ޕާޓީގެ ޒައީމް މައުމޫނަކީ ސިޔާސީ ހަތުރުންނަށްވެއްޖެކަން މުޅިން ކަށަވަރުވުމުން ބޮޑު މަންޒަރު އަން ވަގުތު ކުޑަތަން ވެއްޖެ ކަމަށް ބަލާނެ ފުރުސަތު ވެސް ބޮޑުވެއްޖެ އެވެ.

ވީޓީވީގެ "ބޮޑު ފެންޑާ"ގައި ލީޑަރު ތަސްމީން، ޒައީމް މައުމޫނަށް ދެއްވި ބަހުގެ ހޫނު ހަމަލާތަކުން އެއްޗެއް އެނގޭވަރުވެ އެވެ. ދެބޭފުޅުން ވެސް ތިއްބެވީ ދަހަނާ އަޅުއްވައި މައިދާނަށް ނުކުމެ ވަޑައިގެންކަން އެނގެ އެވެ. މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ބައްޕާފުޅުގެ ދިފާއުގައި ދެއްކެވި ވާހަކަފުޅުތަކުން އަދި މާ ބޮޑަށް ކަންކަން ސާފުވާން ފަށައިފި އެވެ. ތަސްމީނާއި މައުމޫނުގެ ސިޔާސީ "ހަތުރުވެރިކަން" ދަތުރުކޮށްފައިވާ ހިސާބު ދެނެގަންނަން ފަސޭހަ ވެއްޖެ އެވެ. ސަބަބަކީ މީގެ ކުރިން ހީކުރެވިފައިއޮތީ ހުރިހާވެސް މައްސަލައަކީ އުމަރު ނަސީރު ކަމަށެވެ. ނަމަވެސް ހަގީގީ މައްސަލައކީ އެއީ ނޫންކަން މިހާރު އެނގޭވަރު އެބަވެއެވެ. ހަގީގަތުގައި ފޮރުވިފައިވާ ސިޔާސީ އެތައް ސިއްރުތަކަކާއެކު މިހާރު މިފެންނަނީ މައުމޫނާ ތަސްމީނާ ދެމުދު ކުޅެވެމުންދާ ތަމްސީލަކީ އެންމެ މަތީ، އަދި އެންމެ ނުރައްކާތެރި ޕޮލިޓިކްސް އެވެ.

ޑީއާރުޕީގެ ޒައާމަތުން މައުމޫން އެއްފަރާތްވެ ވަޑައިގެން، ލީޑާޝިޕް ތަސްމީނަށް ލިބިވަޑައިގަތުމާ އެކު އައީ މައްސަލަތައް ފެންމަތިވަމުންނެވެ. މައްސަލަތަކުގެ ބޭރަށް، ސަރުކާރު ޒިންމާދާރު ކުރަން ތަސްމީން މަސައްކަތް ނުކުރައްވާ ކަމަށް ލީޑާ ޝިޕްގެ ޒުވާން ބޭފުޅުން ދެއްކެވި ނަމަވެސް އަދި ފާޅުގައި އުމަރާއި އޭނާގެ ޓީމުން އަޑުއުފުއްލަވަމުން ވަޑައިގެންނެވި ނަމަވެސް މުޅި މައްސަލައިގެ މައްޗަށް ކުޅެވޭ ތަމްސީލުގެ ހަގީގީ މަންޒަރު ހާމަވާން އަދި މި ފެށީ އެވެ.

ތަސްމީން އޭނާގެ ސްޓައިލްގައި އޭނާގެ ކޮންޓްރޯލަށް ގެންގޮސްފައިވާ "ޕާޓީގެ ގުނަން"ތަކުން ނިންމާ ކަންތައްތަކަށް ގޮތްކިޔުމުގެ އިހުތިޔާރު ނޯންނާނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ. ހަމައެއާ އެކު ފެނުނީ ދެ ފަރާތުން ހިސާބެއްގެ ރައްދެއް ދެމުން ދިޔަ ނަމަވެސް ނުލައްވައި ހިމޭނުން ހުންނަވާތީ އެވެ.

ނިމިގެންދިޔަ ބޮޑު އިންތިހާބުގެ ފަހު ދުވަހާ ހަމައަށް ވެސް އޮތީ ގަދަކަމުން "އުދާސްގަނޑު" އޮއްބާފަ އެވެ. އިންތިހާބު ނިމުމާ އެކު މަސްރަހު ބަދަލުވެ ޑީއާރުޕީއަށް ކާމިޔާބު ނުވި ގޮނޑިތަކުގެ ޒިންމާ ތަސްމީން ފެކްޝަނުން މައުމޫންގެ އިސްތަށިފުޅުގައި އަޅުވައި ބަހުގެ ހަމަލާތައް ފެށުމުން އެއީ "އޮބި އަޅައި" ހިފަހައްޓާފައި އޮތް އުދާސްގަނޑެއް ކަމާއި ހާލަތު ދަނީ ގޯހުން ގޯހަށްކަން ދެނެގަންނަން އެހާ އުނދަގުލެއް ނޫނެވެ. އޭގެ ނަތީޖާ ވެސް ފެނުނެވެ. "މައުމޫން އައްޑުއަށް އަރައިފި ނަމަ ތަޅައި ބާލާނެ" ޕާޓީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް، ވިދާޅުވި ކަމަށް ބުނާ އޯޑިޔޯ ކްލިޕެއް ލީކުކޮށް އެ ހޫނުގަނޑުގައި ދެ ފެކްޝަނުން އަރައި ގަނެ މަރާމާރީ ހިނގި އެވެ. ކުއްލިއަކަށް ޕާޓީއަކާ އިއްތިހާދުވި އެވެ. ހަމައެއާ އެކު ކ. ހުރައަށް ދިޔަ މައުމޫން ފެކްޝަން އެ ރަށުން ފޮނުވާލި އެވެ. އަދި ޝަރީފްގެ އަމަލު ކުށްވެރި ނުކުރާހާ ހިނދަކު ތަސްމީނާ އެކު ޖަލްސާއެއްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ލީޑަރު ތަސްމީން އެއްވެސް ކަމެއްގައި ޒައީމް މައުމޫންގެ ލަފާ ނުހޯއްދަވާ ކަމަށް މައުމޫންގެ އާއިލާއިން ބުނެ އެވެ. މިހާރަކު ތަސްމީން ވެސް އެކަމާ ދެކޮޅެއް ނުހައްދަވަ އެވެ. ފާޅުގައި ވިދާޅުވަނީ މައުމޫން "ދެއްވާ ލަފާފުޅު ގަބޫލުކުރައްވާނީ އެކަން ކުރަން ފެނިއްޖެ ނަމަ" ކަމަށެވެ. އަދި ޒައީމަކީ ޕާޓީގެ އޮނަރަރީ ބޭފުޅެއް ކަމަށެވެ.

ތަސްމީން އަމަލުކުރައްވަމުން ގެންދަވަނީ ހުދުމުހުތާރުކޮށް ކަމަށާއި އެއީ ހުދުމުހުތާރު ލީޑަރެއް ކަމަށް މައުމޫންގެ އާއިލާއިން ބުނާއިރު މިހާރު ފެންނަނީ "ދެރަވަރު ގޮތް" ހެދުމުގެ ޒިންމާ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އަޅުވާ ތަނެވެ. އެކި ދިމަ ދިމާއިން އާ މައްސަލަތައް ފެންމަތި ކުރުވާތަނެވެ. ޕާޓީގެ އަމީން އާންމުގެ މައްސަލައަކީ އޭގެ ފެށުމެވެ.

ޑީއާރުޕީގެ ޒައީމަކީ މައުމޫނެވެ. އެކަމަކު މައުމޫން ވެފައިވަނީ ޑީއާރްޕީއަށް "ބާރު ނުފޯރުވޭ" ބޭފުޅަކަށެވެ. ތަސްމީން ހުންނެވި ގޮތާއި ދަތުރު ކުރައްވާ ދިމާލުން މިހާރު މައުމޫނަށް ޕާޓީގެ ތެރޭގައި އެއްވެސް ދައުރެއް ނެތް ކަން ވަރަށް ސާފުކޮށް އެނގެއެވެ. މައުމޫންގެ އަރިސް ބޭފުޅުން ވެސް އެ ހަގީގަތް ގަބޫލުކުރައްވަ އެވެ.

"ތަސްމީން އަމަލުކުރައްވަނީ މައުމޫން ބާކީ ކޮށްލަން! ޒައީމަށް ވެސް އަދި ޒުވާން ލީޑަޝިޕަށް ވެސް ޑީއާރުޕީއަކުން ނެތް ޖާގައެއް،"ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އަދި މައުމޫން ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އެއް ފަރާތް ކަމަށްވާ އަހުމަދު މަހުލޫފް ވިދާޅުވި އެވެ.
މައުމޫން ކުރައްވާ އިތުބާރު ތަސްމީނަށް ގެއްލިފައިވާ އިރު ތަސްމީން ޑީއާރުޕީއާ "ފޭކޮށްލަން" މައުމޫން ފެކްޝަނުން ކުރާ މަސައްކަތް މިހާތަނަށް ވެސް ކާމިޔާބުވެފައި ނުވާއިރު ދެން ވާނީ ކިހިނެއްތޯ ހަމަ ސުވާލު އުފެދެ އެވެ.

"މިހާރު އަޅުގަނޑުމެން މައުމޫނަށް ލަފާ އަރުވާފައި އޮންނާނީ ޕާޓީއެއް ހަދަން. މިނޫން ގޮތެއް ނެތް. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި އެކަން އިއުލާން ކުރައްވާނެ،" މައުމޫންގެ ވަރަށް އިސް ބޭފުޅަކު ނަންނުޖެހުމަށް ޝަރުތު ކުރައްވާ ވިދާޅުވި އެވެ.

މައުމޫން ޕާޓީއެއް ހައްދަވާފާނެ ކަމުގެ އިޝާރާތް ލިބޭ ކަންތަކެއް އެބަހުއްޓެވެ. ސްޓާ ސިނަމާގެ ތިރީގައި އައްޑޫ ޝަރީފާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުވަމުންދަނީ ބައެއް މީހުން ސިފަކުރާ ގޮތުން ނަމަ ދެ ބޭނުމެއްގަ އެވެ. އެއް ކަމަކީ މައުމޫނަށް ތާއީދު އޮތް ވަރު ބަލައިލުމެވެ. އަނެއް ކަމަކީ ޕާޓީއެއް ހެދުމަށް ބޭނުންވާ މެންބަރުން ހަމަ ކުރުމެވެ. މިހާރު ވެސް ހާހުން ހާހުން ސޮއި އެއްކޮށްފައިވާ އިރު އެ ސޮއިތަކުގެ ހަގީގަތް ފެންމަތިވާކަށް ދެނެއް ގިނަ ދުވަހެއް ނެތެވެ.

މައުމޫނަށް އައްޑޫ ޝަރީފަކީ މުހިންމު މީހަކަށް ވާންވީ އެއްވެސް ސަބަބައެއް ނެތެވެ. އައްޑޫ ޝަރީފަކީ ނިވާފަތްގަނޑެއް ކަމުގައި ވިޔަސް އެ ސޮއި ތަކުގެ ހަގީގަތަކީ މައުމޫންގެ ތާއީދު އޮތް ވަރު ބަލައި މިންކުރުން ނޫން ދެވަނަ ދެކަމެކޭ ބުނާނެ ޖާގައެއް ނުފެނެ އެވެ.

"މައުމޫނަށް ޝަރީފަކީ އެއްވެސް މީހެއްނޫން!" މައުމޫންގެ އަރިސް ބޭފުޅެއް ރޭ ވިދާޅުވި އެވެ.
ތަސްމީން މައުމޫނަށް ފާޑުވިދާޅުވާއިރު އަނެއް ކޮޅުން ބުނަމުން ދަނީ ތަސްމީން ފެއިލްވެފައިވާ ވާހަކައާ ކަމެއް ނުކުރެއްވޭ ވާހަކަ އެވެ. އެ މަންޒަރު ވަރަށް ރީއްޗަށް މިދިއަ ހަފުތާގައި ވަނީ ފެނިފައެވެ. ބޮޑުފެންޑާގައި މައުމޫނަށް ތަސްމީން ފާޑުވިދާޅުވަމުން ދިޔައިރު އާޓީފިޝަލް ބީޗުގައި މައުމޫންގެ ސަޕޯޓަރުން ރާއްޖޭގެ ސިޔާސީ މައިދާނުގެ "ގަދަފަދަ" ފަރާތްތަކާ އެކު ދިޔައީ މައުމޫނަށް ތައުރީފުކޮށް ތަސްމީނަށް ގާ އުއްކަވަމުންނެވެ.

"ރައީސް މައުމޫން ނޫޅުއްވާ ވެރިކަމުގައި ބަގުޑި ބައްދާކަށް އަޅުގަނޑު މައުމޫނަކީ އެފަދަ ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރަން،" އާޓިފިޝަލް ބީޗްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ. މިއިން ދައްކައިދެނީ ގާސިމުގެ ރުހުމާއި ތާއީދު މައުމޫނަށް އޮތުމެވެ.

ހަގީގަތުގައި ގާސިމްގެ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނަހަދައި ހަސަން ސައީދުގެ ދިވެހި ގައުމީ ޕާޓީ އާއިއެކު ވެސް ޑީއާރްޕީން ކޯލިޝަން ހެދުމުން ވެސް ދޭހަ ކޮށްދޭ ކަންކަތަކެއް އެބަހުއްޓެވެ.
މައުމޫންގެ އިޝާރާތަކަށް ބަލަބަލައި ގިނަ ބަޔަކު އެބަތިއްބެވެ. ބުނެވޭ ގޮތުގައި އަދި އަޑުތައް ހުރި ގޮތަށް ބަލާއިރު ވެސް މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހަންމަދު ނަޝީދާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުމަށް މަސައްކަތް ކުރައްވާ ޑރ. މުހަންމަދު މުނައްވަރާއި އަދި ސެއިހް މުހައްމަދު ޝަހީމްވެ ތިއްބެވީ މައުމޫނަކީ "ގިބުލަ" ކަމަށް ބަލައިގެނެވެ. ގާސިމާއި ޔާމީން ވެސް ހިމެނޭ ގޮތަށެވެ. މިއީ ވަރަށް ވަރަށް މަތިން ކުޅޭ ޕޮލިޓިކްސްއަށް ވުމުން މިއިން ބޭފުޅަކު މި ސުވާލަކަށް އާނއެކޭ ވެސް ނޫނެކޭ ވެސް މިދަނޑިވަޅަކު ވިދާޅެއް ނުވާނެ އެވެ. އެކަމަކު މި އަޑުތައް ނުއިވޭ ދިމާލެއް މިހާރަކު ނެތެވެ. ޔަގީންވާ ކަމަކީ މައުމޫން އާދައިގެ ދެރަވަރު ޓީމަކާ އެކު ސްޓޭޖަށް އަރައިވަޑައި ނުގަންނަވާނެ ކަމެވެ. އެއަށްވުރެ މައުމޫންގެ ޓީމާއި ރޭވުންތެރިކަމާއި ތަޖުރިބާ ބޮޑުވާނެ އެވެ.

ސަރުކާރުވެސް އަދި ތަސްމީންވެސް އެންމެ ޖެހިލުން ވެ ވަޑައިގަންނަވާ ލީޑަރަކީ މައުމޫންނެވެ. ތަސްމީން ވިދާޅުވާ ގޮތަށް މައުމޫނަކީ އޮނަރަރީ ލީޑަރެއް ކަމަށް ބެލިޔަސް އަދި ނުބެލިއަސް ޕާޓީގެ ލީޑަރު ކަމުގައި ތަސްމީން ހުއްޓައި ސަރުކާރު އެމްޑީޕީގެ ސަޕޯޓަރުން މައުމޫން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ދާންޖެހޭ އެއްވެސް ސަބަބެއްނެތި އެގޭ ދޮށަށް އެއްވާ އެވުމަށް އެކަނި ވިސްނާލިއަސް މި ހަގީގަތް އެނގޭނެ އެވެ. އަދި މައުމޫންގެ ވެރިކަން ނިމި ދެ އަހަރައި ބައިވީއިރު ވެސް ރައީސް ނަޝީދު މައުމޫނަށް ބަހުގެ ހަމަލާތައް ދެއްވާ ކަމީ އެކަމުގެ ހެއްކެކެވެ. އެހެން ނަމަވެސް އަބަދުވެސް ފެންނަނީ މައުމޫންގެ "ނެކްސްޓް މޫވް" ނޭނގިގެން އުޅުއްވާތީ އެވެ.

މައުމޫނަކީ ސިޔާސީ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. ޕާޓީގެ ލީޑަޝިޕުން މައުމޫން އެއްފަރާތްވި ދުވަސްވަރަކީ ޑީއާރުޕީ ވަރަށް ބޮޑަށް އަޑިއަޅައިލި ދުވަސް ވަރެކެވެ. ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީން އަރައިގަތުމަށް ޕާޓީއަށް ވަނީ އިންތިހާއަށް ފައިސާ ބޭނުންވެފަ އެވެ. އެފުރުސަތުގައި ހިތާއި ދެކޮޅަށް ނަމަވެސް މައުމޫނަށް ތަސްމީންގެ އަތުގައި ހިއްޕަވަން މަޖުބުރުވީ ކަމަށް ވެދާނެ އެވެ. ސިޔާސީ ބައެއް ބޭފުޅުން އެކަން ސިފަ ކުރައް ވަނީ ތަސްމީން ރަނގަޅު ދަނޑިވަޅުގައި ކުޅުއްވި މޮޅު ކުޅިއެއް ކަމަށެވެ. އެހެން ކަމުން އެކުޅިއަށް ފަހު މިހާރު މި ތަމްސީލުވަމުންދާ ކަންކަމަކީ މާލީގޮތުން ޕާޓީ ރަނގަޅުވުމުން ތަސްމީން ފެޔަށް ޖައްސަން މައުމޫން ހިންގަވާ "ސައިކޮލޮޖިކަލް ވޯފެއާ" އަކަށްވެސް ވުމަކީ ގާތްކަމެކެވެ.
"މައުމޫންގެ ކުރީއްސުރެ ނިންމެވުމަކަށް މިކަންވުމަކީ ގާތްކަމެއް. ސައިކޮލަޖިކަލް ވާފެއާއެއް ހިންގަވައިގެން ތަސްމީން ބަލިކޮށްލެއްވުން މިއީ މައުމޫންގެ މަގުސަދަށް ވެދާނެ،" ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ލިޔުންތެރިޔާ އަބްދުﷲ ސިނާން ވިދާޅުވި އެވެ.

މައުމޫން ޕާޓީއަކާ ދިމާލަށް ދިޔުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނަމުންދާއިރު މިހާރު ވެސް ޔަގީންވާ ކަމަކީ ސިޔާސީ މައިދާނަށް މައުމޫން އެއްލަވާ ތީރުން ބަޔަކު ޒަހަމް ވާނެކަން ގައިމެވެ. އެފަދަ ޕާޓީއެއް ވުޖޫދު ވެއްޖެ ނަމަ އާ ސޮފްހާއެއް ސިޔާސީ ޖައްވުގައި ހުޅުވި އެއީ "ޑީއާރުޕީގެ ޖަނާޒާ" އަށް ތައްޔާރުވުން ކަމަށް ވުމީ ވެސް ވެދާނެ ގޮތެކެވެ. އެކަމަކު ޕާޓީގެ އުފެއްދުމުގެ ތަޖުރިބާއަށް ބަލާއިރު އެނގޭ ހަގީގަތަކީ ޕާޓީއެއްގައި ހުންނަވާފައި އަލުން ޕާޓީއެއް ހެއްދެވި އެއްވެސް ބޭފުޅަށް އަދި ހިންދެމިލެވިފައި ނުވާ ކަމެވެ.

މިއީ ހައްތާވެސް ޕްރިޑިކްޝަންތަކެވެ. ހަގީގަތަކީ އެންމެން ވެސް ތިބީ ދެންވާނެ ގޮތެއްގެ ނޭނގުމުގެ ތެރޭގައެވެ. އެހެންނަމަވެސް ސިޔާސީ ސްޓޭޖް ފެންނަ ގޮތުން ތަމްސީލުގެ ބޮޑު މަންޒަރު ފާޅުވުމުގެ ސުންގަޑި މިހާރު ދެން މިއަންނަނީ އެވެ. މުޅި ތަމްސީލަކީ މައުމޫނާއި ތަސްމީންގެ މައްޗަށް އޮތް އެސިޑް ޓެސްޓެވެ. ފާސްވާނީ ކާކު ކަމެއް ފޭލްވާނީ ކާކު ކަމެއް ނޭނގެ އެވެ.