އައްޑޫ މަސްފެކްޓްރީގެ މަސައްކަތް އީދުބަންދަށް ފަހު ފަށާނެ ކަމަށާއި އެ ޕްރޮޖެކްޓް މުޅިން ނިމޭ އިރު މަސްވެރިންނަށް ޚާއްސަ މެރީނާއެއް ހުންނާނެ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އަދުލީ ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން މަސްފެކްޓްރީ ބިމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާ އެއްކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

"އީދު ބަންދު ނިންމާލާފައި އަޅުގަނޑުމެން ފަށާނަން އެތާގައި ފެންސް ޖެހުމުގެ މަސައްކަތް،" އަދުލީ ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް އަށް ބޭނުންވާ ބައެއް ސާމާނު މިހާރު ހުރީ ހިތަދޫ ބަނދަރުގައި ކަަމަށް ވެސް އަދުލީ ވިދާޅުވި އެވެ. އަދި ފެންސްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެތަނަށް އެތަކެތި ގެންދެވޭނެ ކަމަށް އަދުލީ ވިދާޅުވި އެވެ. އެ ޕްރޮޖެކްޓް މަސައްކަތް ހަވާލުކޮށްފައި އޮތީ ރާއްޖޭން ބޭރު ކުންފުންޏަކާ އެވެ. އަދި އެ ކުންފުނިން ވަނީ ބައެއް މަސައްކަތްތައް ކުރަން ރާއްޖޭގެ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ.

"ޓޭގެޓް މިކުރަނީ ގާތްގަނޑަކަށް އަށެއްކަ މަސްތެރޭ ނިންމަން،" އަދުލީ ވިދާޅުވި އެވެ. އައްޑޫގެ މަސްފެކްޓްރީގައި ބަހައްޓަނީ 1500 ޓަނުގެ ޕްލާންޓެއް ކަަމަށާއި އަދި ކޮންމެ ދުވަހަކު ވެސް 100 ޓަނުގެ މަސްގަތުމުގެ ކުޅަދާނަކަން ފެކްޓްރީ އަށް ލިބޭނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

އަދި އެ ޕްރޮޖެކްޓް މުޅިން ނިމިގެންދާއިރު އައްޑޫގައި މަސްވެރިންގެ މެރީނާއެއް ގާއިމުކުރާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

"އައްޑޫ އަކީ ހަމައެކަނި އައްޑޫ މަސްވެރިން މަސްވެރިކަން ކުރާ ތަނެއް ނޫން. ހުވަދު އަތޮޅާއި އަދި އުތުރުން ވެސް މަސްވެރިން އެބަ އާދޭ އައްޑު އަަތޮޅަށް،" އަދުލީ ވިދާޅުވި އެވެ.

މެރީނާއެއްގެ މަސްވެރިންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ކެފޭ އަކާއި އެކަމަޑޭޝަނާއި ނަމާދުކުތާ ބަޔަކާއި އަދި ކޮންމެވެސް ވަރަަކަށް ކުޅިވަރުކުޅުމުގެ ފުރުސަތާއި ޓީވީ ހޯލެއް ހިމެނޭނެ ކަމަށް އަދުލީ ވިދާޅުވި އެވެ. އޭގެ އިތުރުން މަސްފެކްޓްރީ ހުންނަ އެހެން ރަށްތަކެކޭ އެއްގޮތަށް ފެނާއި އައިސް ވިއްކަން ހުންނާނެ ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.

އަދި އައްޑޫ މަސްފެކްޓްރީގެ ބަނދަރުގައި ދޯނިތައް ތިބޭއިރު "މަރާމާތުގެ މަސައްކަތްތައް ވެސް ލުއިގޮތަކަށް އަޅުގަނޑުމެން މެދުވެރިކޮށް ކުރެވޭނެ،" އަދުލީ ވިދާޅުވި އެވެ.

އަދި އައްޑޫ މަސްފެކްޓްރީން މަސްވެރިންނަށް ބޭނުންވާ އައިސް، ފެން ވިއްކުން ފަދަ ހިދުމަތްތައް ލިބޭނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

އައްޑޫ މަސްފެކްޓްރީގެ މަސައްކަތް އެއްމެ ފުރަތަމަ އިއުލާންކުރީ މަސްކުންފުނިތައް ވަކިން ހިންގަމުން އައިއިރު ކޫއްޑޫ ފިޝަރީޒް އިންނެވެ. އޭރު ޕްރޮޖެކްޓް ފަށަން ހަމަޖައްސާފަ އޮތީ ހިތަދޫގަ އެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެ ސަރުކާރުގެ މަސްފެކްޓްރީތައް އެއްކޮށް މިފްކޯ އަށް ބަދަލުވުމުން އެ ކުންފުނިން ނިންމީ މަރަދޫ ބަނދަރުގައި މަސްފެކްޓްރީ އަޅާށެވެ.

"ހިތަދޫ ބަނދަރަކީ އެއްމެ އެކަށީގެންވާ ބަނދަރުކަމަށްނުވާތީ އަދި އިތުރު ޚަރަދުކުރަންޖެހޭތީ." މަސްފެކްޓްރީ އަޅާ ރަށް ބަދަލުކުރީ އެވެ. އެހެންނަމަވެސް މަރަދޫ އިން ޖާގަ ނުލިބުމުން މިހާރު މަސްފެކްޓްރީ އަޅާ ގޮތަށް ނިންމާފައި އޮތީ ހުޅުދޫމީދޫ ބަނދަރުގަ އެވެ.

"ހުޅުދޫމީދޫ އެދޭތެރޭ މެދުގައި ވަރަށް ބޮޑު ބަނަދަރެއް ހެދިފަ އެބައޮތް. ދެން އަނެއްކާ ހުޅުދޫގަ ބަނދަރެއް އެބައޮތް މީދޫގައި ބަނދަރެއް އެބައޮތް. އެ ދެ ބަނދަރުދޭތެރޭ މެދުގަ މިހާބޮޑު ބަނދަރެއް އޮތީމަ އެ ބަނދަރުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގަ ހިފުމަށްޓަކައި މުޅި ޕްރޮޖެކްޓް ޝިފްޓް ކުރީ،" ޕްރޮޖެކްޓަށް އެއްމެ ފަހުން އައި ބަދަލާއި ބެހޭ ގޮތުން އަދުލީ ވިދާޅުވި އެވެ.