18 Jul 2015, 11:50
މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށްވާ ޖޯގިން ގުޒްމަން އެ ގައުމުގެ ޖަލަކުން ދެ ވަނަ ފަހަރަށް ފިލައިގެން ދިޔަ މައްސަލާގައި ޖަލުގެ ހަތް އޮފިސަރެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ގުޒްމަން ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހަކުންނެވެ.
މެކްސިކޯގެ އެޓާނީ ޖެނެރަލް އޮފީހުންގެ ޖަލު އޮފިސަރުންގެ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެމީހުންގެ މައްޗަށް އުފުލި ދައުވާއެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އޭގެ އިތުރުން ގިޒްމަން ޖަލުން ފިލި މައްސަލާގައި އެންޓިޕްލާނޯ ފެޑެރަލް ޖަލުގެ ދެ އޮފިސަރަކާއި ސުޕަވައިޒަރެއް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
މެކްސިކޯގެ ނިއުސްޕޭޕާ އެއް ކަމަށްވާ ރިފޯމާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުން އެގައުމުގެ 88 ޕަސެންޓް މީހުން ގަބޫލުކުރަނީ ގުޒްމަން ޖަލުން ފިލާފައި ވަނީ ޖަލު އޮފިސަރުންގެ އެހީގަ އެވެ. އަދި 65 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުން ގުޒްމަން ޖަލުން ފިލުމަށް އެހީވެދީފައި ވަނީ ސަރުކާރުގެ އިސްވެރިންނެވެ.

މެކްސިކޯގެ ރައީސް
ނުރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު ގައުމަށް ވަޑައިގެން މެކްސިކޯގެ ރައީސް ޕީން ނިއޭޓޯ ވިދާޅުވީ ގުޒްމަން ޖަލުން ފިލި މައްސަލާގައި މެކްސިކޯގެ ރައްޔިތުންގެ ކަންބޮޑުވުމާއި ރުޅި އެނގޭ ކަމަށެވެ. އަދި އޭނާ ޖަލުން ފިލުމަށް އެހީވި އެންމެނަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަދު ދޭނެ ކަމަށް ޕީން ނިއޭޓޯ ވިދާޅުވި އެވެ.
ގުޒްމަން ފިލިކަމަށް ބެލެވޭ ބިންގަރާހުގެ ފޮޓޯތަކެއް ވެސް މެކްސިކޯގެ ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުން ގުޒްމަން ފިލަން ބޭނުން ކުރި އެ ބިންގަރާސް ހަދާފައި ވަނީ ޖަލުގެ އަޑި އަޑިން ގޮސް ޖަލާ މާދުރުނޫން ގެއެއްގެ ތެރެއަށް ނިކުމެވޭ ގޮތަށެވެ. އަދި ބިންގަރާހުން މައްޗަށް އެރުމަށް އޭނާ ވަނީ ހަރުގަނޑެއް ބަހައްޓައިފަ އެވެ. އޭނާ ބިންގަރާހުން މައްޗަށް އަރާފައި ވަނީ އެ ހަރުގަނޑުންނެވެ.

ބިންގަރާހަށް ފައިބަން ހަދާފައިހުރި ހަރުގަނޑު ----- ފޮޓޯ: އޭޕީ
ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ މީހާ އެވެ.
އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.