ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ތައިލެންޑް މަގުން ދިޔަ ދިވެހި ފިރިހެނަކު އަނބުރާ ރާއްޖެ ގެނެސްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ މާލެ ގެނެސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ މީހާއާ އެކު ތައިލެންޑުގެ އިމިގުރޭޝަނު ދެ އޮފިސަރުން ވެސް ރާއްޖެ ވަނީ އައިސްފައި އެވެ. އެނގިފައިވާ ގޮތުގައި އެ މީހާ މާލެ ގެނެސް އެކަމުގެ ތަހުގީގު ފުލުހުން ދަނީ ކުރަމުން ނެވެ.

އެނގިފައިވާ ގޮތުގައި ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށްދާ ދިވެހިން ރާއްޖެ ގެނެއުމަށް ފަހު ފުލުހުން އަންނަނީ އެމީހުންނަށް ކައުންސިލިން ވެސް ދެމުން ނެވެ.

ދިވެހި މީހަކު ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން އުޅެނިކޮށް ހިފަހައްޓާ އެނބުރި ރާއްޖެ ގެނެސްފައިވާ އިރު ސީރިއާ ހަނގުރާމައަށް ދިވެހިން ދޭތޯ ބެލުމަށް ރާއްޖެ އިން ބޭރަށް ފުރާ ފްލައިޓުތައް ޗެކު ކުރަން ފުލުހުން ވަނީ ފަށާފައި އެވެ.

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ހަނގުރާމަ އަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައި އެވެ.

ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.