މިއަހަރުގެ ފިޠުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ފައިމަގުގައި އުޅެން ކަނޑައެޅި ވަގުތުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ސަބަބުން 61 މީހަކަށް ފިޔަވަޅު އަޅައި 121 މީހުންނަށް ނަސޭޙަތް ދީފައިވާނެކަމަށް ފުލުހުން ބުނެފިއެވެ.

ފިޠުރު ޢީދު ދުވަހު އާއިލާތައް އެކުގައި ބައްދަލުކޮށް، ރައްކާތެރިކަމާއެކު މަގުމަތީގައި އީދުގެ އުފާ ފާޅު ކުރެވޭ ގޮތަށް ފައިމަގުގައި ހިނގާފައި އުޅުމަށް ސަރުކާރުން ކަނޑައަޅާފައި އޮތީ މިއަދު ހަވީރު 4:00 އިން މިރޭ 7:00އާ ދެމެދުގައެވެ. އެވަގުތު ތަކުގައި ހަމައެކަނި މަގުމަތީގައި ދުއްވައި އުޅެވޭނީ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުގެ އުޅަނދާއި ޞިއްޙީ ބޭނުންތަކަށާއި އެނޫނަސް ޚާއްޞަ ހުއްދައެއްގެ ދަށުން ދުއްވުން ހުއްދަ ކުރި އުޅަނދުގައިކަން ސަރުކާރުން ވަނީ ކަނޑައަޅައި އިއުލާނު ކޮށްފައެވެ.

ސަރުކާރުން މިގޮތަށް ކަނޑައަޅާފައި އޮއްވާ އެވަގުތު އިންޖީނުލީ އުޅަނދު ދުއްވައިގެން 121 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 61 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެތެރޭގައި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވި ހަތް މީހަކާއި، ލައިސަންސް އެއްގޮތަކަށްވެސް ނެތި ނެތި ދުއްވި 15 މީހަކާއި، 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން މިއަދު 38 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.