17 Jul 2015, 22:44
މީހެއްގެ ޖީބުން މަސްތުވާތަކެތި ފެނިގެން އޭނާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި ސ. ފޭދޫ ރައިހާނުގޭ އަބްދުﷲ އުނައިސް 100،00 ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ 7 މެއި 2012 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އުނައިސް ލައިގެން ހުރި ސޯޓު ބުރީގެ ފަހަތު ޖީބުން ފެނުނު މަސްތުވާތަކެއްޗަކީ ހެކިބަސްދިން ލާންސްކޯޕްރަލް އަލީ އާމިރު އޭނާގެ ޖީބަށްލާފައިވާ މަސްތުވާތަކެތި ކަމަށް އުނައިސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.
އެ ހާލަތަކީ ސިޓީ އުރައިގެ ފިންގާޕްރިންޓް ނަގައި އޭގައި އަލީ އާމިރުގެ ފިންގާޕްރިންޓް ހުރިކަން، ނުވަތަ ނެތްކަން ކަށަވަރުކުރަން ޖެހޭފަދަ ހާލަތެއް ކަމަށާއި ނަމަވެސް ފުލުހުން އެކަން ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ހައްޔަރުކުރި ދުވަހުން ފެށިގެން ހުކުމް އިއްވި ދުވަހާ ހަމައަށް އުނައިސް އަކީ ބަންދުގައި ހުރި މީހެއް ކަމުގައިވާއިރު، ދިފާއީ ހެކީން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މައުލޫމާތު ކޯޓަށް ފޯރުކޮށްދެވޭނެ އެކަށީގެންވާ މަގެއް އުނައިސްއަށް ތަނަވަސްކޮށްދީފައިނުވާ ކަމަށެވެ.
އުނައިސްއަށް ވަކީލަކު ހަމަޖެއްސުމުގެ މަގު ތަނަވަސްކޮށްދިނުމަށް ފުލުހުން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ މައްސަލާގައި ހުކުމް ކޮށްފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.