ދުނިޔޭގެ ގިނަ މުސްލިމުން ފިތުރު އީދުގެ އުފާ ފާޅުކުރަނިކޮށް ސޫރިޔާގައި އެގައުމުގެ ރައީސް އަސަދުގެ ސަރުކާރުން މިއަދުވެސް އެތައް ބަޔަކު މަރާލައިފިއެވެ.

ސޫރިޔާގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް ( ސޮހްރް) އިން ބުނީ އިދުލީބު ޕްރޮވިންސްގެ ރަށަކަށް އަސަދުގެ ސިފައިން ބެރަލް ބޮން އެޅުމުގެ ސަބަބުން 15 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ސޮހްރް އިން ބުންޏެވެ.

ޒަޚާމްވީ ބައެއް މީހުންގެ ހާލަތު ނާޒުކު ކަމުން މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސޮހްރް އިން ބުންޏެވެ. މަރުވިމީހުންގެ ތެރޭގައި އާއްމުންގެ ހަތް މީހުން ހިމެނޭ އިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

ސޫރިޔާ ސަރުކާރުގެ މަތިންދާބޯޓްތަކުން މިއަދު ބެރަލް ބޮން އެޅީ އިދުލީބު ޕްރޮވިންސްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮންޓްރޯލް ކުރާ ސަރަހައްދަކަށާއި ޖަބުހަތުއް ނުސްރާ އިން ކޮންޓްރޯލް ކުރާ ސަރަހައްދަކަށެވެ.

އަސަދު ސަރުކާރުގެ ސިފައިން އެ ސަރަހައްދުތަކަށް ބޮން އަޅަމުން ދިޔަ އިރު އޭނާ ވަނީ ވެރިރަށް ދިމިޝްޤުގެ މިސްކިތެއްގައި އީދު ނަމާދުކޮށް، އީދު ސަލާމް ކުރާކޮށް، އެ މަންޒަރު ގައުމީ ޓީވީން ދުރަށް ދައްކާފައެވެ.

ސޮހްރް އިން މިމަހުގެ ކުރީކޮޅު ބުނެފައި ވަނީ އަސަދު ސަރުކާރުގެ ބޮމުގެ ހަމަލާތަކުގައި މިއަހަރުގެ މިހައިތަނަށް 2900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

އެއިރު އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ސޫރިޔާ ސަރުކާރުން މިހާތަނަށް އާއްމުންގެ 2916 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 456 އަންހެނުންނާއި 665 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އެހަމަލާތަކުގެ ސަބަބުން ޒަހަމްވީ މީހުންގެ އަދަދު 18000 އަށް އަރާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ސޮހްރް އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޫރިޔާ ސިފައިންގެ 49106 މީހުން ވެސް ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވެ އެވެ.

ސޫރިޔާ ސަރުކާރާ އެއްކޮޅަށް ހަނގުރާމަ ކުރުމަށް އެގައުމަށް ދިޔަ ހިޒްބުﷲ ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތެއްގެ 838 މީހުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ސޫރިޔާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 300000 އަށް ވުރެ މަތިވި އިރު އެހަނގުރާމާގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 1.5 މިލިޔަނަށް އަރައިފަ އެވެ.