ގްރީސްގެ ވެރިރަށް އެތެންސްގެ ކައިރީގައިވާ ޖަންގައްޔެއްގައި ރޯވި އަލިފާން ގަނޑެއް އެރަށަށް ފެތުރޭތީ އެތައް ބަޔަކު ގެދޮރު ދޫކޮށް ދާން ފަށައިފިއެވެ.

ރޮއިޓާސް ބުނީ ގަދަ ވަޔާ އެކު ބާރަށް ފެތުރެމުންދާ އަލިފާންގަނޑު މީހުން އުޅޭ ސަރަހައްދަކަށް ފެތުރި ކުޑަކުދިންގެ ޕާކެއް އަނދާފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައިވާ ޗާޗެއްގެ ވަށައިގެން ހުޅު ގަނޑު ފެތުރިފައިވާ ކަމަށް ވެސް ބުންޏެވެ. ގްރީސްގެ ގައުމީ ޓީވީއާ ހަވާލާދީ ރޮއިޓާސް ބުނީ އެތެންސްއާ ދިމާއަށް އަލިފާންގަނޑު ފެތުރެމުން އަންނަނީ 15 ކިލޯމީޓަރުގެ ދިގުމިނުގައި ކަމަށެވެ.

އަލިފާން ގަނޑު ނިއްވުމަށް އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ 80 މީހުންނާއި 18 އެއްގަމު އުޅަނދާއި ތިން މަތިންދާބޯޓް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގްރީސްގެ ބޮޑުވަޒީރު އެލެކްސް ސިޕްރަސް ވަނީ އެތެންސްގެ ރައްޔިތުން މަޑުމައިތިރިވެ ހަމަޖެހުމަށް ގޮވައިލައްވާފައެވެ. އަދި އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްދިނުމަށް އޭނާ ވަނީ ގްރީސް ސިފައިންނަށް ގޮވައިލައްވާފައެވެ. އަދި އެކަމަށް އިތުރު މަތިންދާބޯޓްތައް ފޮނުވައި ދިނުމަށް އޭނާ ވަނީ ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ.