17 Jul 2015, 19:10
އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ފަރާތުން މަޖިލީހަށް ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް ޑރ. ޖަމީލްގެ ފަރާތުން އެކަން މަޖިލީހަށް އަންގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެގޮތަށް ނައިބު ރައީސްގެ ފަރާތުން އަންގާފައި ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އަންނަ އަންގާރަ ދުވަހުގެ 10:00 އަށް މަޖިލީހަށް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް އެނގުމާ ގުޅިގެންނެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު، ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ ސަން ފައިލް ފޮޓޯ:
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވެފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރައްވައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެމަގާމަށް އައްޔަން ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ނައިބު ރައީސް ޖަމީލަށް އެމަނިކުފާނުގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުތައް ޕީޕީއެމް، އެމްޑީއޭ ޕަލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.