17 Jul 2015, 18:03
ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް ކާޓުން "އެލާޑިން"ގެ ޕްރީކުއެލް ލައިވް އެކްޝަން ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޒްނީ ސްޓޫޑިއޯ އިން ބުނެފިއެވެ.
ލައިވް އެކްޝަން ކޮމެޑީ އަދި އެޑްވެންޗާ ފިލްމު ހެދުމުގެ އެންމެ ފުރަތަމަ މަރުހަލާގައި އޮތް އިރު އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ޑޭމިއަން ޝެނަން އާއި މާކް ސްވިފްޓްއެވެ.
ޑިޒްނީގެ އަސްލު ކާޓޫނު، އެލާޑިންގެ ކެރެކްޓަރަށް އަމާޒު ކުރި ކަމުގައި ވިޔަސް އޭގެ ޕްރީކުއެލް ފިލްމު އަމާޒު ކުރާނީ އެލާޑިންގައި އުޅޭ "ޖީނީ"ގެ ކެރެކްޓަރަށް ކަމަށް ޑިޒްނީ އިން ވަނީ ބުނެފައެވެ.
ޖީނީގެ ނަމުގައި ނެރޭ އެ ފިލްމުގައި ދައްކުވައިދޭނީ ޖީނީ އޭނާގެ ލޭމްޕްގައި ތާށި ވުމުގެ ކުރިން ކަންތައްވީ ގޮތާއި އެކަންތައް ވާން ދިމާވި ކަމުގެ މައްޗަށް ކަމަށް ޑިޒްނީ އިން ވަނީ ބުނެފައެވެ.
ޑިޒްނީއިން މީގެ ކުރިން ވެސް ވަނީ އެފަދަ ގޮތަކަށް ކާޓުންގެ މެއިން ކެރެކްޓަރު ފިޔަވާ އެހެން ކެރެކްޓަރެއްގެ ވާހަކަ ނަގައިން ފިލްމެއް އުފައްދާފައެވެ. އެގޮތުން މަޝްހޫރު ކާޓުނު "ދަ ސްލީޕިން ބިއުޓީ"ގެ ގޯސް ކެރެކްޓަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް "މެލެފިސެންޓް"ގެ ނަމުގައި ވަނީ ޑިޒްނީ އިން ފިލްމެއް ނެރެފައެވެ.
އެލާޑިން އަކީ އެތަށް ޒަމާނެއްގެ އަރަބި ބޯދާ ވާހަކައެއް އަސްލަކަށް ނަގައިން 1992 ވަނަ އަހަރު ނެރުނު ކާޓޫނެކެވެ.