08 Mar 2011, 12:45
މި އޮތީ ވާ ޑިމޮކްރެސީ އެކެވެ. ޑިމޮކްރެސީ އަކީ ރައްޔިތުންގެ ވެރިކަމެވެ. އެހެން ވީމާ މިހާރު މިރާއްޖޭގައި މި އޮތީ ރައްޔިތުންގެ ވެރިކަން ކަމަށް ވާން ވާނެ އެވެ.
ޕާޓީ ސިސްޓަމަކީ ރައްޔިތުން ބާރުވެރި ކުރުވާ ނިޒާމެވެ. މިހާރު މި އޮތީ ޕާޓީ ނިޒާމެވެ. އެހެން ވީމާ ރައްޔިތުން ތިބެން ވާނީ ބާރުވެރި ވެފަ އެވެ. ޕާޓީ ސިސްޓަމުގައި ރައްޔިތުންގެ ނަން އޮތީ ނަމެއްގަ އެވެ. ކޮންމެ ޕާޓީ އަކުން ވެސް ރައްޔިތުންގެ ނަން ބޭނުން ކުރަނީ ނަމެއްގަ އެވެ. ޕާޓީގެ ބޮޑުންގެ ފައިދާ އަށެވެ. ތިން ހާސް މީހުން ހަމަ ކުރާށެވެ. ޕާޓީ އުފަން ކުރާށެވެ. ވޯޓު ހޯދާށެވެ. ގޮނޑި ހޯދާށެވެ. ބާރު ހޯދާށެވެ. މީގެ ހުރިހާ ފައިދާއެއް ކުރަނީ ޕާޓީގެ ބޮޑުންނަށެވެ. ޕާޓީގެ އާންމު މެންބަރުންގެ ބޭނުމެއް ފަހަކުން ނޯވެ އެވެ. ޕާޓީ އަށް ވާނުވާއެއް ބެލޭނެ ގޮތެއް ވެސް އެ މީހުންނަކަށް ނޯވެ އެވެ. އެކަމަކު ޕާޓީގެ ވިންދަކީ އެއީ ކަމަށްވެ އެވެ. ޕާޓީގެ ރޫހަކީ ވެސް އެއީ ކަމަށްވެ އެވެ. ޕާޓީ ދެމި އޮންނާނީ ވެސް އެ މީހުންނަށް ޓަކައި ކަމަށްވެ އެވެ. މީ ހަމަ އެކަނި ޕާޓީގެ އާންމު ޖަލްސާ ތަކުގަިއ އިއްވާ އަޑެކެވެ. ކޮންގްރެސް ތަކުގައި އިއްވާ އަޑެކެވެ. މީގައި އަސްލެއް އޮތް ތަނެއް ނުފެނެ އެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ނިމިގެން ހިނގައްޖެ އެވެ. މީގައި ހެއްވާ ކަންތައްތައް ބައިވަރެވެ. ފޫނުބެދޭ ކަންތައްތައް ބައިވަރެވެ. މައްސަލަތައް ބައިވަރެވެ. ވޯޓު ދޭން ނުނިކުންނަ މީހުން ބައިވަރެވެ. މި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް ބައިވަރެވެ. މި އިންތިޚާބަށް އެންމެ ކެންޑިޑޭކު ވެސް ނުނެރޭ ޕާޓީތައް ވެސް ބައިވަރެވެ. އެ ފަދަ ޕާޓީތަކުގެ މަގުސަދާ މެދު އުފެދޭ ސުވާލުތައް ބައިވަރެވެ. އެ ޕާޓީ ތަކަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ޚަޒާނާއިން ނަގާފައިދޭ ފައިސާ ވެސް ބައިވަރެވެ. މީ ބައިވަރު މައްސަލަ އެވެ. މި މައްސަލަތައް ހައްލު ކުރުމަށް ކުރާން ޖެހޭ މަސައްކަތް ވެސް ބައިވަރެވެ.
ލާމަރުކަޒީ ގާނޫނު ގައި ހިތްގައިމު ކަމެއް ނެތެވެ. ގާނޫނު އަސާސީ ގައި އެ ބުނާ ހަމަހަމަކަން ލިބިދީފައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވުރެ އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކަށް ކުރިމަތި ލުމުގެ ޝަރުތު ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މީހަކު މަޖިލީހަށް ހޮވުމަށް ފަހު ޕާޓީ ބަދަލު ކުރިޔަސް މައްސަލަ އެއް ނެތެވެ. ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުގެ މެންބަރަކު ގޮނޑިއަށް ހޮވުމަށް ފަހު ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލެ އެވެ. ޕާޓީ ޓިކެޓެއްގައި ހޮވުނު މެންބަރެއް ނަމަ އެވެ. މިއަށް ވުރެ ވެސް ހެއްވާ ކަމެއް އެބަ އޮތެވެ. އެއީ އަމިއްލަ މެންބަރުންގެ ގޮނޑީގެ ވާހަކަ އެވެ. ޕާޓީ ޓިކެޓުގައި ހޮވޭ މީހަކު ޕާޓީން ވަކިވުމުން ގޮނޑި ގެއްލުނަސް، އަމިއްލަ ގޮތުން ހޮވޭ މެންބަރުންގެ މައްޗަކަށް އެ ހުކުމެއް ނުހިނގަ އެވެ. އަމިއްލަ މެންބަރަކު ދުވާލަކު ޕާޓީ އަކަށް ވަންނަމުން ދިޔަސް މައްސަލައެއް ނެތެވެ. މީ ގަބޫލު ކުރެވޭ ގޮތެއް ނޫނެވެ. މީގައި މި އޮތީ ހައިސިއްޔަތުގެ ސުވާލެކެވެ. ޕާޓީ ހައިސިއްޔަތުން ކުރިމަތިލީ މީހާ ހޮވުނީ ޕާޓީ ޓިކެޓުގައި ނުކުތުމުން ކަމަށް ވާ ނަމަ އަމިއްލަ މީހާ ހޮވުނީ އަމިއްލަ ހައިސިއްޔަތުން ކުރިމަތި ލީމަ އެވެ. ރައްޔިތުން އޭނާ އަށް ވޯޓު ދިނީ އެ ހައިސިއްޔަތުން ނުކުތީމަ އެވެ. އެހެން ކަމުން އަމިއްލަ ގޮތުން ހޮވޭ މީހާ ވެސް ހައިސިއްޔަތު ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލެން ޖެހޭނެ އެވެ. އެކަމަކު މި ދެ ގޮތް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ. އެ މީހަކު ބޭނުން ހައިސިއްޔަތެއްގައި ބޭނުން އިރަކު ހުރުމުގެ އިޚުތިޔާރު އޮންނަން ވާނެ އެވެ. އެ މިނިވަންކަން އޮންނަން ވާނެ އެވެ. ޕާޓީގެ މެންބަރަކު ޕާޓީން ވަކި ވިޔަސް އަދި އަމިއްލަ ހައިސިއްޔަތުން ހޮވުނު މީހަކު ޕާޓީ އަކަށް ވަނަސް ގޮނޑި ގެއްލިގެން ނުވާނެ އެވެ. މިހާރު ކައުންސިލަރުން އެ ތިބީ ބަނދެވިފަ އެވެ. ތިމާ ނިސްބަތްވާ ޕާޓީން ކިތަންމެ ހިތްހަމަ ނުޖެހޭ ގޮތަށް ކަންތައް ކުރިޔަސް ޕާޓީން ވަކި ވެވޭކަށް ނެތެވެ. ތިމާ ނިސްބަތްވާ ޕާޓީން ރައްޔިތުންނަށް ކިތަންމެ އިހާނެތިކޮށް ކަންތައް ކުރިޔަސް ކުރާނެ ކަމެއް ނެތެވެ. ޖެހޭނީ ހަމަ ޕާޓީގައި ހުންނާށެވެ. ގޮނޑި ގެއްލޭނެތީ އެވެ. ބޮޑު މުސާރަ ގެއްލޭނެތީ އެވެ. މީ ކަން ހުރި ގޮތެވެ. އެކަމަކު ކުރެވޭނެ ޝަކުވާއެއް ވެސް ނެތެވެ. ޝަކުވާއެއް ކުރިޔަސް އަޑު އަހާނެ ބަޔަކު ނެތެވެ. ބާރު އޮތީ ނުލާ ރީނދުލުގަ އެވެ.
މިނިވަން މުވައްސަސާތަކުގެ މިނިވަންކަމުގެ ވާހަކަ ދައްކައިފި ނަމަ ގޯސް ވާނެ އެވެ. އެކަމަކު އެވާހަކަ ވެސް މި ފަހަރު ދައްކައިލާނަމެވެ. މިހާރު މި ގައުމުގައި އުފައްދާފައި މިވާ މިނިވަން މުއައްސަސާ ތަކަކީ "ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން" މިނިވަން މުއައްސަސާ ތަކެވެ. މި ގޮތަށް މިނިވަން މުއައްސަސާ ތައް ބައިވަރެވެ. މި އިން ކޮންމެ މިނިވަން މުއައްސަސާ އަކަށް މީހުން ހޮވަން ވީމަ މި ހަދަން ޖެހޭ ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ އެވެ.
ގިނަ ފަހަރަށް މި ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިހާ ހިސާބުން މި މުއްސަސާ ތަކަށް "މިނިވަންކަން" ދިނުމުގެ މަސައްކަތް ފަށާނީ އެވެ. މި މިނިވަންކަން ބަހާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ގޮތެއްގެ މަތީންނެވެ. ފަސް މެންބަރުން ހޮވަން ޖެހޭ ކޮމެޓީއެއް ނަމަ އެމްޑީޕީ އަށް ދެ ގޮނޑި، ޑީއާރްޕީ އަށް ދެގޮނޑި އަދި އަމިއްލަ މެންބަރުންނާ އެހެން ޕާޓީ ތަކަށް އެއް ގޮނޑި ލިބިދާނެ އެވެ. އެ އޮތީ މުއައްސަސާ "މިނިވަން" ވެފަ އެވެ. މިހާރު އުފައްދާފައި ހުރި ހުރިހާ މިނިވަން މުއައްސަސާ ތަކުގެ ގޮނޑި ވެސް ހުރީ އެ ގޮތަށް ބަހާފައި ކަމަށްވެ އެވެ. ދެން އެ މުއައްސަސާ ތައް މިނިވަން ވާނެ ވަރު އޮތީ ހަމަ ހިތަށް އަރުވައި ލުމެވެ.
ރައްޔިތުންގެ މަޖިލީހުގައި މި އޮތީ ސިޔާސީ ކުލަ ޖެހިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހެކޭ ބުނީމާ ހިތަށް ފޫހި ކަމެއް މިހާރު ވަދެ އެވެ. ހުރިހާ ކަމެއްގައި ވެސް ނުލާއި ރީނދުލެވެ. މުޅި ގައުމު އެ ދެ ކުލަޔަށް ބަހައި ނިންމައިފި އެވެ. އެއް ބަޔަކު ބުނަނީ އެހެން އެ ވީ އުޑާއި ކަނޑުގައި ނޫ ކުލަ އޮތީމަ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެހެން އެ ވީ މާ ތަކުގެ ފިޔަ ތަކުގައްޔާއި ދުނިޔެ އާ ދުވަހަކަށް ދޮންވާ ވަގުތާއި ދުވަސް އަލްވަދާއު ކިޔާ ވަގުތާއި ހައްޓަށް ބޭނުންވާ ފައިދާގެ މުހިންމު ބައިތަކުގައި ރަން ރީނދޫ ކުލަ ހިމެނޭތީ ކަމަށެވެ.
ކޮންމެ ތާކު ކޮންމެ ކުލައެއް ހުއްޓަސް އަޅުގަނޑުގެ މައްސަލައެއް ނެތެވެ. އަޅުގަނޑުގެ މައްސަލަ އަކީ ރައްޔިތުންގެ ތަދު ނޭނގުމެވެ. އަޅުގަނޑުގެ މައްސަލަ އަކީ ރައްޔިތުންގެ ވިންދު ނޭނގުމެވެ. އަޅުގަނޑުގެ މައްސަލަ އަކީ ރައްޔިތުންނަށް ވުރެ މައްޗަށް ޕާޓީ ތަކުގެ ކުލަ އިސް ވުމެވެ. އަޅުގަނޑުގެ މައްސަލަ އަކީ ކުލައިގެ އަވައިގައި ޖެހި ގައުމު ހަލާކު ވެގެން ދާ މަންޒަރު ފެނުމެވެ. އަޅުގަނޑުގެ މައްސަލަ އަކީ މި މައްސަލަތަކަށް ހައްލެއް ނުފެނި މައްސަލަ ތައް އިތުރުވަމުން ދިޔުމެވެ. މީ އަޅެ ތިޔަ ބޭފުޅުންނަށް މައްސަލަ އަކަށް ނުވޭތޯ އެވެ؟