17 Jul 2015, 17:57
ހިފާފައިވާ ގުދްސު (ޖުލައި 17): ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައި މިއަދު ފިތްރު އީދު ދުވަސް ފާހަގަ ކުރަމުންދާއިރު މާތްވެގެންދާ މަސްޖިދުލްއަގްސާގައި ދެލައްކަ ފަންސާސް ހާސްމީހުން އަދި މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރާމްގައި ދެމިލިޔަނަށްވުރެ ގިނަމީހުން އީދު ނަމާދު ކޮށްފިއެވެ.
އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ މަސްޖިދުލްއަގްސާގައި އީދުނަމާދުކުރުމަށް އިސްރާއީލުންވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އަދި ފިރިހެެނުންގެ ތެރެއިން އުމުރުން 50 އަހަރުން މަތީ މީހުންނަށް ނޫނީ މަސްޖިދުލްއަގްސާގެ ހަރަމްފުޅާއި އެތާނގެ ވަށައިގެންވާ ސަރަހައްދުތަކުގައި ނަމާދުކުރުމުގެ ހުއްދަ އިސްރާއީލުން ދީފައެއް ނުވެއެވެ. މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރާމް ގައި ކުރި އީދުނަމާދުގެ ޚުތުބާގައި މުސްލިމުންގެ ތެރެއިން އެއްތަށް މިލިޔަން ބަޔަކު ދާޚިލީ ހަނގުރާމައާއި ތަޅާފޮޅުމާއި ބޭރުގެ އިސްތިޢްމާރާއި އަޅުވެތިކަމުގެ ޝިކާރައަކަށްވެ އެމީހުން ދިރިއުޅެންޖެހިފައިވާ ބިކަ ހާލުގެ މައްޗަށް ބަލާލާފައިވެއެވެ.
އިސްލާމީ ގައުމުތަކުގެ ތެރޭން ސޫރިޔާ، އިރާގް، ސޮމާލިޔާ، ޔަމަން، އަދި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި މުސްލިމުން ބިކަ ހާލުގައިޖެހި މަގުމަތިވެފައިވަނީ މުސްލިމުންގެ ހަރުކަށި ފަރާތްތަކުގެ ބަދަލުހިފުމުގެ ހަރުކަށި އަމަލުތަކުގެ ސަބަބުންނެވެ. ފަލަސްތީނާއި ބަރުމާފަދަ ގައުމުތަކުގެ މުސްލިމް ރައްޔިތުން ޙާލުގައި ޖެހިފައިވަނީ ބޭރުގެ އިސްތިޢްމާރީ ބާރުތަކުގެ ސަބަބުންނެވެ. މިއަދަކީ ބަރަކާތްތެރި ފިތްރު އީދު ދުވަސްކަން އިސްލާމީ ގިނަގައުމުތަކުން ވަނީ އިޢްލާންކޮށްފައެވެ. މެދުއިރުމައްޗާއި އޭޝިޔާއާއި އެފްރިކާގެ ގިނަ އިސްލާމީ ގައުމުތަކުންވަނީ ރޭގައި ޝައްވާލު މަހުގެ ހަނދު ސާބިތު ވެފައިވާކަން އިޢްލާންކޮށްފައެވެ.
މިއަދަކީ ބަރަކާތްތެރި ފިތްރު އީދު ދުވަސްކަން އިއްލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މިސްރާއި ސައޫދީ އަރަބިޔާއާއި އިރާގާއި ގަލްފުގެ ބައެއް ގައުމުތަކުގެ އިތުރުން މެލޭޝިޔާއާއި ދިވެހިރާއްޖެވެސް ހިމެނެއެވެ.
އިސްލާމީ ނޫންގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ވަނީ މިއަދަކީ ބަރަކާތްތެރި ފިތްރު އީދު ދުވަސްކަން އިޢްލާން ކޮށްފައެވެ. މީގެތެރޭގައި ރަޝިޔާ، އާއި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ ހިމެނެއެވެ. (ނޫސްއެޖެންސީތައް)