ޓެނިސީ (ޖުލައި 17): އެމެރިކާގެ ޓެނިސީގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ މަރުކަޒަކަށް އިއްޔެ ޙަމަލާތައް ދީފައިވަނީ ކުވައިތު ދަރިކޮޅުގެ އެމެރިކާ މީހެއްކަމަށް އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފިއެވެ.

އެފްބީއައި އިން ބުނީ 24 އަހަރުގެ މިޒުވާނާގެ ނަމަކީ މުޙައްމަދު ޔޫސުފް އަބްދުލްއަޒީޒް ކަމަށާއި އޭނާ މިއަމަލު ހިންގި ސަބަބު އަދި ސާފުނުވާ ކަމުގައެެވެ. ހަތިޔާރުއަޅައިގެން ހުރި މިމީހާ ބަޑިން ދިން ހަމަލާތަކުގައި ހަތަރު މީހުން މަރާލިއެވެ. މިހަމަލާތައް ދީފައިވަނީ ޓެނިސީ ސްޓޭޓްގެ ޗަނަނޯގާ ގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށާއި ކަނޑުގެ ސިފައިންގެ ރިޒާވް ފޯސްގެ މީހުން ތަމްރީން ކުރުމަށް ބޭނުންކުރާ ޓްރޭނިންގް ކޭމްޕަކަށެވެ.

ޗަނަނޯގެ މުނިސިޕަލް ކައުންސިލްގެ ރައީސް ވިދާޅުވީ މިހަމަލާތަކުގެ ރައްދުގައި ފުލުހުން ދިން ޙަމަލާތަކުގައި ހަތިޔާރު އަޅައިގެންހުރިމީހާވެސް ޒަޚަމްވެފައިވާކަމުގައެވެ. ޗަނަނޯގާ ގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކުރައްވާފައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިކަން ސިފަކުރައްވާފައިވަނީ ހިތާމަވެރި ޖަރީމާއެއްގެ ގޮތުގައެވެ.

މިޙަމަލާދިން ކުވައިތު ދަރިކޮޅުގެ ޒުވާނާއަކީ އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް ތާއީދުކުރާ މީހެއްތޯ އާއި އޭނާ މިކަންކުރުމުގެ ފަހަތުގައިވާ ސަބަބުން ބެލުމުގެ ތަހްގީގްތައް މިހާރުވަނީ ފަށާފައެވެ. މިޒުވާނާއަކީ އެސަރަހައްދުގެ ސެކަންޑްރީ ސްކޫލަކުން ކިޔެވި ދަރިވަރެއްކަމަށް ވެއެވެ. އެމެރިކާ ސިފައިން އިސްލާމީ ގައުމުތަކަށް އަރައި ހިންގާފައިވާ މީހުންމެރުމާއި މީހުންނަށް އަނިޔާކުރުމުގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މުސްލިމް ޒުވާނުންގެ މެދުގައި އެމެރިކާއާދެކޮޅަށް ބަދަލުހިފުމުގެ ރޫޙު ވަރަށް ބޮޑަށް އަށަގެންފައިވެއެވެ.

އެމެރިކާ ސިފައިން އިރާގާއި އަފްޣާނިސްތާނުގައި އެދެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ޖަރީމާތަކަކީ އެމެރިކާގެ ބާރުގަދަކަމުން އަޅާނުލައި ފޮރުވިފައިވާ ޖަރީމާތަކެކެވެ.

މިޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި ކުރީގެ ނައިބު ރައީސް ޑިކްޗޭނީއާއި ކުރީގެ ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑަކީ ފަހުގެ ތާރީޚެއްގައި މިލިޔަނުން މީހުން މަރާފައިވާ ނަމަވެސް އަދާލަތަށް ފިލައިގެން އުޅުމުގެ ފުރްސަތު ލިބިފައިވާ ނުރައްކާތެރި މުޖްރިމުންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުސްތަގިއްލު ފަރާތްތަކުން ސިފަކުރެއެވެ. (ނޫސްއެޖެންސީތައް)