ކޮންޓްރޯލުން ނެއްޓިގެން ދިޔަ ސައިކަލެއް އެކްސިޑެންޓްވެ އޭގައި ތިބި ދެކުދިން ކުރެ އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު 10:30 އެހާކަންހާއިރު ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް އެކްސިޑެންޓް ވެފައިވަނީ ޝަހީދުއަލީ ހިނގުމާއި މަޖީދީމަގާ ދެމެދު ކަންމައްޗަށްވާ ފިހާރައެއް ކަމަށްވާ "ކިޑީ" ގެ ބިއްލޫރިގަނޑުގައި ޖެހިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވާއިރު އެކްސިޑެންޓްވި ސައިކަލުގައި ތިބީ 18 އަހަރު ނުވާ ދެކުދިން ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ އެކްސިޑެންޓްގައި އެކަކުގެ ބޮލަށާއި އަތަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ދެވަނަ ކުއްޖައަށް އެހާބޮޑު އަނިޔާތަކެއް ނުލިބޭ ކަމަށް ޒީނަތު ވިދާޅުވިއެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.